Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

ފްލައިން ސްކޫލް މައްސަލަ: ނަޝީދު އަންގަވަނީ މަޖިލީހަށް ސިޓީ ފޮނުވަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

އައްޑޫ ސިޓީ ގަމުގައި ހިންގާ ފްލައިން ސްކޫލްގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވަން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަންގަވައިފިއެވެ.

ނަޝީދު މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ފްލައިން ސްކޫލްގައި ކިޔަވާ ދަރިވަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެ ދަރިވަރު ކުރި ސުވާލުގައި ވަނީ ސްކޫލްގެ މިހާރުގެ ހާލަތާއި، ކަމާބެހޭ އިދާރާތަކުން ފްލައިން ސްކޫލްގައި ހުރި މައްސަލަތަކާ ގުޅޭގޮތުން ނޫސްބަޔާނެއް ނެރުނު ނަމަވެސް އެދެވޭ ފިޔަވަޅެއް އެޅިފައި ނުވާތީ ނަޝީދު އެއްޗެއް ވިދާޅު ނުވާތީ އާއި އަދި މަޖިލީހުން އިސްނަގައިގެން މި މައްސަލަ ބަލައިދޭން އެދިފައެވެ.

އެ ދަރިވަރުގެ ސުވާލަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ މަޖިލީހަށް ސިޓީއެއް ފޮނުވައިފިނަމަ އެކަން ބަލާނެ ކަމަށާއި މިހާތަނަށް ސިޓީތައް ފޮނުވިފައި ހުރީ ސަރުކާރުގެެ މުއައްސަސާތަކަށް ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މުއައްސަސާއަކީ ވަކި މުއައްސަސާއެއް. ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ސިޓީތަކާއި އަދި ހުށަހެޅޭ ކަންކަން ވެސް އިރާދަކުރެއްވިއްޔާ މަޖިލީހުން ބަލާނެ" ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ތިންވަނަ ދައުރުގެ ފަހު ޖަލްސާ މިއަދު ބޭއްވުމަށްފަހު މަޖިލިސް މިއަދު ވަނީ ޗުއްޓީ އަށް ގޮސްފައެވެ. ދެން މަޖިލިސް ހުޅުވާނީ އަންނަ ފެބްރުއަރީގައެވެ.

ފްލައިން ސްކޫލްގައި ހުރި މައްސަލަތައް މީޑިއާ އިންނާއި ސޯޝަލް މީޑިއާގެ ޒަރިއްޔާ އިން ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައިވީ ނަމަވެސް އެ މައްސަލަތަކަށް އަދި މިހާތަނަށް އެއްވެސް ހައްލެއް އައިސްފައެއް ނުވެއެވެ. އޭގެ ބަދަލުގައި ދަރިވަރުންނަށް ކުރިމަތިކުރުވާ ފިއްތުންތައް އަންނަނީ ދުވަހަކަށް ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންނެވެ.

އެގޮތުން މިހާތަނަށް 20 އަށްވުރެ ގިނަ ދަރިވަރުން އެ ސްކޫލުން ވަކިކޮށްފައިވާއިރު، އެކި ދުވަސްމަތިން ދަރިވަރުންނަށް އަންނަނީ ވަކި މުއްދަތެއްގެ ތެރޭގައި ކޯސް ނިންމަންޖެހޭނެ ކަމަށް ބުނެ އިންޒާރުގެ މެއިލްތައް ވެސް ލިބެމުންނެވެ.