Last Updated: April 18, 12:20
Thursday, April 18, 2024
ކޮލަމް

އައްޑޫއަކީ އެންމެންވެސް ދޯކާދޭން އޮންނަ އަތޮޅެވެ.

އިހުގެ މުސްކުޅި ބަހެކެވެ. ގަތްދެވި ފިލިޔަސް ވީފަރިތައެއް ނުފިލާނެއެވެ. މުރާދަކީ މީހެއްގެ ކިބައިގައި ހަރުލާފައި ހުންނަ ނުބައި އާދައެއް ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ. މިރާއްޖޭގެ ސިޔާސީ ލީޑަރުންގެ މިސާލަކީވެސް މިއީއެވެ. ދޮގުހެދުމާއި ހީލަތްހެދުމާއި ފިތުނަ އުފެއްދުން ނޫންކަމެއް އެމީހުން ނުކުރާނެއެވެ. އަމާޒަށް ވާސިލްވުމަށްޓަކައި ކޮށްފައި ނުކުރާކަށް ވަކި ކަމެއް ކަމެއް ނޯންނާނެއެވެ. ވެރިންގެ ފަރާތުން މިޒާތުގެ ކަންކަން އެންމެ ގިނައިން ތަޖުރިބާ ކުރަމުންދަނީ އައްޑުއަތޮޅުގެ ރައްޔިތުންނެވެ.

މިކަމުގެ މިސާލެކެވެ. ދެވަނަ ބޮޑު ހަގުރާމައިގެ ދުވަސްވަރު ހިޓްލަރުގެ އަމުރަށް ޖަރުމަނު ސިފައިން ހިންގި ބައެއް އަމަލުތަކުގެ ޒިންމާވެސް އުފުލާން ޖެހުނީ އައްޑޫ ރައްޔިތުންނަށެވެ. ރައްޔިތުންގެ ބާރު ނުފޯރާ ކަންކަމުގެ ޒިންމާވެސް ވެރީން ބޭނުންވީމާ ރައްޔިތުންނަށް އުފުލާން ޖެހެނީއެވެ. ރާއްޖެއަށް އައި އިނގިރޭސި މަނަވަރަކުން ކޮޅުނބަށް ވަޑައިގެންނެވުމަށްޓަކައި ހަސަން ފަރީދު ފުރާވަޑައިގެންފިއެވެ. ކޮޅުނބަށް ނުފޯރަނީސް ޖަރުމަނުގެ ސަބްމެރީނަކަށް ފެނިގެން ޓޮރުޕިޑޯއިން ހަމަލަދީ ފައްތާލައިފިއެވެ. މަނަވަރުގައި ތިބި އެންމެން މަރުވީއެވެ.

ހަސަން ފަރީދު އަވަހާރަވީ ޚަބަރު މާލެއަށް ލިބުމާއެކު މުހައްމަދު އަމީނު ނިންމެވީ އެހާދިސާ ހިނގީ އައްޑޫ ހިތަދޫ ރައްޔިތުން ފަންޑިތަ ހަދައިގެން ކަމުގައެވެ. ހަސަން ފަރީދު ހުންނެވި މަނަވަރަށް ހަމަލަދީ ފައްތައިލުމަށް ޖަރުމަނު ސިފައިން ނިންމީ އައްޑޫ ރައްޔިތުން ހެދި ފަންޑިތައެއްގެ ސަބަބުން ކަމުގައެވެ. މުހައްމަދު އަމީނުގެ އަމުރަށް ހިތަދޫން ވަރަށް ގިނަ ބަޔަކު މާލެ ގެނައެވެ. އަތޮޅުވެރިޔާ ޝައިޚު ހުސައިން ރަހާވެސް ހިމެނޭ ގޮތުންނެވެ. މިއެންމެން އަނދަގޮނޑިޖަހައި ތަޅައި އަނިޔާކުރިއެވެ. މިއަނިޔާގައި ބައެއް މީހުން މަރުވެސްވިއެވެ.

ހުސައިން ރަހާ މާލެ ގެނައީ އާލާސްކަންފުޅާ އުޅުއްވަނިކޮށް ބޭސްކުރަން ކޮޅުނބަށް ގެންދިޔުމުގެ ބަހަނާގައި ދޮގު ސިޓީއެއް ފޮނުވައިގެންނެވެ. ތަޅައިފައި ހުސައިން ރަހާ އަރުވައިލީ އަރިއަތޮޅު ތޮއްޑޫއަށެވެ. ކޮޅުނބުގެ ހަސްފަތާލުގައި ބޭސްކުރުމުގެ ނަމުގައި މާލެއަށް ގެނެސް ފުރަތަމަ ބޭއްވީ ހިމަރޯނުން ބަނދެފައި ބަނޑޭރިގޭ އަށިގޭގައެވެ. އެއަށްފަހު އަގެއް ހުރުމަތެެއްނެތް ގޮތެެއްގައި އުޅޭން ތޮއްޑޫއަށް އަރުވައިލީއެވެ. މިއީ ވެރިން ބޭނުންވީމާ ހަމަޔާއި އުސޫލު އޮންނަ ގޮތެވެ. ނިޔާ އަނިޔާއަކަށް ބަދަލުވެގެންދާ ގޮތެވެ.

ދިވެހިރާއްޖޭގައި ފަހަކަށް އައިސް ވެރިކަންކުރި އެންމެންވެސް ގެންގުޅުނުކަމަށް ފެންނަނީ މުހައްމަދު އަމީނުގެ މިއުސޫލެވެ. ރައްޔިތުން ޒިންމާވާން ނުޖެހޭ ކަންކަމަށް ރައްޔިތުން ޒިންމާކޮށް ރައްޔިތުންގެ ކިޔަމަންތެރިކަމުގެ ނާޖާއިޒު ފައިދާ ނެގުމުގެ އުސޫލެވެ. ކަންކަމުން ރެކިގަތުމާއި އެހެން މީހުންގެ ބޮލަށް ކަންކަން ކަނޑައިލުމުގެ ހީލަތެވެ. ވެލާނާގޭ އިބްރާހިމް ނާސިރާއި މައުމޫނާއި ނަޝީދާއި ޔާމީނު ގެންގުޅުއްވީ މި ސިޔާސަތެވެ. ހިންނަވަރު އިބްރާހީމުވެސް މިހާރު އެ ގެންގުޅުއްވަނީ މި ސިޔާސަތެވެ.

އައްޑޫ ގަމުގައި ތިބެގެން އިނގިރޭސި ސިފައިން ޖެހިހައި ސަކަރާތެއްގެ ޒިންމާ އައްޑޫ ރައްޔިތުން އުފުލާން ނުޖެހޭ ބާވައެވެ. ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާ ދޭތެރޭގައި އުފެދުނު ޚިލާފުތަކުގެ ސަބަބުން ހިނގައިދިޔަ އެންމެހައި ކަންކަން އައްޑޫ ރައްޔިތުންގެ ބޮލަށް ކަނޑައިނުލާ ބާވައެވެ. ނޫނެކެވެ. ކަނޑައިލިއެވެ. ގެންގުޅުނީ ބަދަލުހިފުމުގެ ސިޔާސަތެވެ. އެއީ ނާސިރެވެ. އޭގެފަހުންވެސް ހަމައެހެންނެވެ. ރައްޔިތުން ބޭތިއްބީ އަވާމެންދުރެއްގައެވެ. ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ވިލިގިލި ހުޅުވައި ގަމުގައި އިގްތިސާދީ މަސައްކަތްތައް މިފަށަނީ މިފަށަނީގައި ހޭދަވީ ކިތައް އަހަރުތޯއެވެ.

އައްޑުއަތޮޅުގެ ރައްޔިތުންނަށް ކޮންމެ ސަރުކާރަކުންވެސް އަދި ކޮންމެ ލީޑަރަކުވެސް ދެމުން އަންނަނީ ކެއްސެވެ. ވޯޓުހޯދައިގެން ދެނީ ކޮޅުކެއްސެވެ. މާލޭގެ ކޮންމެވެސް ލީޑަރަކު ވިދާޅުވެގެން ދާދިފަހުން އަޅުގަޑުމެން މުޅި އަތޮޅުގައި ރޯކޮށް އަންދާވެސްލީމެވެ. ވަފާތެރިކަމާއި އިޚުލާސްތެރިކަމުގައި ބަޔަކަށް ގުރުބާންވެވޭނީ މިހައިވަރަށްނޫންތޯއެވެ. އެކަމަކު މިދެންނެވި ލީޑަރުގެ ފަރާތުން ލިބުނީ އަދި ލިބެނީ ކޮންއެއްޗެއް ބާވައެވެ. މުޅިންވެސް ކެއްސެވެ. އޭނާވެސް ކުޅެނީ ތަމްސީލެވެ. ކޮންމެވެސް ސަނީފަކު މެދުވެރިކޮށް މިހާރު ފަށައިގެން އުޅޭ ފިތުނަޔަކީ މިކަމުގެ މިސާލެކެވެ.

މިހިރީ އިޚުލާސްތެރިވުމުގެ ބަދަލު ރައްޔިތުންނަށް ލިބޭގޮތެވެ. އެހެންވީމާ މިހަގީގަތާ އެއްގޮތަށް ރަައްޔިތުން މިހާރު ބަދަލުވާން އެބަޖެހެއެވެ. މިނިނާޅިޔަކުން މިނެދޭން އެބަޖެހެއެވެ. ބޭނުންވާ ހުރިހައިފަހަރަކު ބޭނުންހައި އެއްޗެއް ނުހެދޭނެކަން ދައްކަން އެބަޖެހެއެވެ. ވަކި މީހަކަށް ދައްކަން ހަތެއްސުމެއް ފަނަރަސުމެއްގެ ނަތީޖާ ނެރެ ދެއްކުމުގެ ބަދަލުގައި އެމީހެއްގެ އަމަލާއި އަނގަޔާއި ދިމާވާވަރު ބަލައިގެން ވޯޓުދިނުމުގެ އާދަ ގެންގުޅޭންވެއްޖެއެވެ. މިނިނާޅިޔަކުން މިނުމޭ ބުނަނީ މިއުސޫލަށެވެ.

އިހުގެ މުސްކުޅިން ބުނެއެވެ. ނަނަށް ހެޔޮކުރާނީ ވަތުންނެވެ. މުރާދަކީ ކޮންމެހެން ކަމެއް ރަގަޅުކުރަން އުޅޭނޭ ކަމެއްނެތެވެ. ފައިދާ ދެމެހެއްޓޭވަރު ކުރީމާ ނިމުނީއެވެ. ގަބޫލުކުރެވޭ ގޮތުން ސިޔާސީ މީހުން ރައްޔިތުންނާމެދު އަމަލުކުރަނީ މިހެންނެވެ. ރައްޔިތުން ޅޮސްއުނދޯއްޔަށް އަރުވައިގެން ވޯޓުހޯދެންޏާ ކޮންމެ ސަރުކާރަކުންވެސް ޚިޔާރުކުރާނީ އެގޮތެވެ. މިކަން ހުއްޓުވޭނީ އެމީހަކު ކަންކުރިގޮތަށް އެމީހަކާމެދުވެސް ކަންކުރާން ފެށުމުންނެވެ. އެބާރު ރައްޔިތުންނަށް އެބައޮތެވެ. ރައްޔިތުން އެވަރު ދަންނަންވާނެއެވެ. އެހެންނޫނީ އަބަދުވެސް ދައްކާންޖެހޭނީ މިވާހަކައެވެ.