Last Updated: June 15, 17:17
Sunday, June 15, 2025
ދުނިޔެ

ކޮވިޑް ވެކްސިން ޔޫކޭގައި ދޭން ފަށައިފި

ކޮވިޑް-19 އާއި ދެކޮޅަށް އެމެރިކާގެ ފައިޒާ ކުންފުންޏާއި ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެން އުފެއްދި ވެކްސިން އިނގިރޭސިވިލާތުގައި މިއަދު ބޭނުން ކުރަން ފަށައިފިއެވެ.

އެގޮތުން މި ވެކްސިން އެންމެ ފުރަތަމަ ދީފައިވަނީ އުމުރުން 90 އަހަރުގެ އަންހެނަކަށެވެ. މި ވެކްސިން އެންމެ ފުރަތަމަ ދިނުމަށް ނިންމާފައިވަނީ ހައި ރިސްކު މީހުންނަށެވެ.

އެގޮތުން މި މަސް ނިމޭއިރު އެގައުމުގެ ހަތަރު މިލިއަން މީހުންނަށް މި ވެކްސިން ދިނުމަށް ވަނީ ނިންމާފައެވެ. ޔޫކޭ އަކީ މި ވެކްސިން ބޭނުން ކުރަން ފެށި ފުރަތަމަ ގައުމެވެ.

މި ވެކްސިން ޔޫކޭގައި ބޭނުންކުރަން ފެށުމުގެ ހުއްދަ ދީފައިވަނީ މިދިޔަ ހަފްތާގައި އެގައުމުގެ ހެލްތު ރެގިއުލޭޓަރ ކަމަށްވާ، މެޑިސިންސް އެންޑް ހެލްތް ކެއަރ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އެޖެންސީ (އެމްއެޗްއާރްއޭ) އިންނެވެ.

ފައިޒާގެ ވެކްސިން އަށް އިނގިރޭސި ވިލާތުން 40 މިލިއަން ޑޯޒަށް އޯޑަރު ދީފައިވާއިރު، ކޮންމެ މީހެއްގެ ގަޔަށްވެސް ވެކްސިންގެ ދެ ޝޮޓް ޖެހުމަށް ވަނީ ނިންމާފައެވެ.

އެންމެފަހުގެ ކްލިނިކަލް ޓްރަޔަލްތައް ދައްކާ ގޮތުން ފައިޒާގެ ވެކްސިނަކީ ކޮވިޑުން 95 އިންސައްތަ ރައްކާތެރިކަން ލިބޭ ވެކްސިނެކެވެ.