Last Updated: June 15, 17:17
Sunday, June 15, 2025
ޚަބަރު

އިންޑިއާ ސިފައިންގެ އަދަދު ހާމަ ނުކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަ ކުރަން ނުޖެހޭ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމި ނިންމުން ހައިކޯޓަށް ހުށަހެޅުމުން އެ މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.

މި މައްސަލަ ހައިކޯޓަށް ހުށަހެޅީ ރާއްޖޭގައި ހިންގާ އޮންލައިން ނޫހެއް ކަމަށްވާ "ދިޔަރެސް" ގެ ފަރާތުންނެވެ. މި މައްސަލަ ހައިކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.

މި މައްސަލަ ހައިކޯޓުން ބަލައިގަތް ނަމަވެސް، މައްސަލައިގެ އަޑުއެހުމެއް އަދި ތާވަލުކޮށްފައެއް ނުވެއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "ދިޔަރެސް" ނޫހުގެ ފަރާތުން ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދުގެ ތަފްސީލު ހޯދަން ޑިފެންސް މިނިސްޓްރީގައި ވަނީ އެދިފައެވެ. އެކަމާ ގުޅިގެން މި މައްސަލަ އައިކޮމް އަށް ހުށަހެޅުމުން އައިކޮމް އިން ވަނީ މި މައްސަލައިގައި އަޑުއެހުންތަކެއް ވެސް ބާއްވާފައެވެ.

އެގޮތުން އެ އަޑުއެހުމުގައި ޑިފެންސް މިނިސްޓްރީން ވަނީ ދިޔަރެސް ނޫހުން އެދިފައިވާ މައުލޫމާތު ހާމަކޮށްފިނަމަ ގައުމީ ސަލާމަތަށް ނުރައްކާވެ އިންޑިއާ އާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމަށް ބުރޫ އަރާފާނެ ކަމަށް ބުނެފައެވެ.