އެމްއެމްޕީއާރުސީ ޚިޔާނާތުގައި އެންމެ އިސްކޮށް އުޅުއްވި ދެ ބޭފުޅުން ގޭގައި ތިއްބަވަނީ ރައީސްގެ ހެޔޮފުޅުކަމުންތޯ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަޙްމަދު މުޢިއްޒު ސުވާލުކުރައްވައިފިއެވެ.
މުއިއްޒު މިހެން ވިދާޅުވެފައިމިވަނީ ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގުމުގައި އިސް ދައުރެއް އަދާކުރި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޒިޔަތުގެ މައްޗަށް ބޮޑެތި ޖަލު ހުކުމްތަކެއް އިއްވި ނަމަވެސް އެ ދެ ބޭފުޅުން ވެސް ގޭގައި ތިއްބަވައިގެން ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާތީއެވެ.
އެގޮތުން މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެންމެ ބޮޑެތި ކޮރަޕްޝަނުގެ ކުށް ސާބިތުވި ދެ މީހުން ޖަލުގައި ނުތިބެ ގޭގައި ތިބެވެނީ އިއްތިފާގުންތޯ ނޫނީ ރައީސްގެ ހެޔޮފުޅު ކަމުންތޯ ސުވާލު ކުރައްވާފައެވެ.
ހިޔާނާތުގެ މައްސަލައާ ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ސާބިތުވެ އޭނާގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު ޅ. މާބިންހުރާގެ ދޫކޮށްގެން ދައުލަތަށް ލިބުނު ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި ޒިޔަތަށް 8 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އަދި އިއްޔެ އޭނާގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވާފައެވެ.
އެމްއެމްޕީއާރްސީގެ މައްސަލައިގައި ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަންޏެވެ. އެގޮތުން ޔާމީން ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.