އއ.އުކުޅަހުން ފަތުރުވެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އުކުޅަހު ހެލްތު ސެންޓަރުން ބުނީ އެރަށު ނަލަވެލި ވިލާ ގެސްޓްހައުސްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިޔަކު ކޮވިޑަށް މިއަދު ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއީ އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވި ތިންވަނަ ފަތުރުވެރިޔާއެވެ.
އެ ފަތުރުވެރިޔާ ކަރަންޓީނު ކުރުމާއި، އެމީހާއާ ސީދާ ބައްދަލުވި މީހުން ދެނެގަނެ ކަރަންޓީން ކުރުމުގެ މަސައްކަތް އެ މަރުކަޒާއި، ރަށު ކައުންސިލް އަދި ކޮވިޑް-19 ޓާސްކްފޯސް ކޮމިޓީން ގުޅިގެން ކުރިއަށްދާ ކަމަށް ބުނެފައިވެއެވެ.
މި ދަނޑިވަޅުގައި ރައްޔިތުން ބޭރަށް ނިކުންނައިރު މާސްކު އަޅައި، ގައިދުރުކަން ބަހައްޓައި އެޗްޕީއޭގެ އިރުޝާދުތަކަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.