މާލޭގައި ފުލުހުން ހިންގަމުންގެންދާ ޑްރަގުގެ ބޮޑު އޮޕަރޭޝަނެއްގައި 10 މީހަކު ހައްޔަރުކޮށްފިއެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ފަރީދީ މަގުގެ ބައެއް ބަންދުކޮށްގެން މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް ކުރިއަށްގެންދާ ކަމަށެވެ.
އެގޮތުން ރާއްޖެއަށް އެތެރެކޮށްފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެހި އެސަރަހައްދުގައި އޮތް ކާރަކުން ފެނިފައިވާ ކަމަށާއި އެކާރުން ފޮރެންސިކް އެވިޑެންސް ނަގަމުން އަންނަ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވި ގޮތުގައި ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓާއި، އިންޓެލިޖެންސް އަދި މެރިން ފުލުހުން ގުޅިގެން ކަނޑުމަގާއި އެއްގަމުގައި މި އޮޕަރޭޝަން ކުރިއަށް ގެންދާތާ ހަފްތާއެއް ވަނީ ވެފައެވެ. އަދި މިއަދު ހެނދުނުން ފަށައިގެން މި އޮޕަރޭޝަނުގައި މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.
މި އޮޕަރޭޝަނާ ގުޅުންހުރި އިތުރު މަސައްކަތްތައް އަދިވެސް ކުރިއަށްދާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން މިއަހަރުތެރޭ މީގެކުރިން ވެސް ވަނީ ޑްރަގުގެ ބޮޑެތި އޮޕަރޭޝަންތައް ހިންގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައެވެ.