އިންޑިއާގެ ޓުޓިކޮރިން އިން އައްޑޫއަށް ފަށާ ކާގޯ ދަތުރުތަކުގެ ފުރަތަމަ ބޯޓު އަންނަ ބުރާސްފަތި ދުވަހު ހިތަދޫ ސަރަހައްދީ ބަނދަރަށް އަންނާނެ ކަމަށް މޯލްޑިވްސް ސްޓޭޓު ޝިޕިން ލިމިޓެޑުން ބުނެފިއެވެ.
މޯލްޑިވްސް ސްޓޭޓް ޝިޕިން އިން ބުނީ އިންޑިއާގެ ޓުޓިކޮރިންއިން އަންނަ ކާގޯ ފެރީ "އެމްވީ ބޮންތި 2" ހޯމަ ދުވަހު އިންޑިއާއިން ފުރާފައިވާ ކަމަށާއި އެ ބޯޓު ބުރާސްފަތި ދުވަހުގެ ވަގުތެއްގައި އައްޑޫ އަށް ބަނދަރު ކުރާނެ ކަމަށެވެ.
މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) މެނޭޖިން ޑިރެކްޓަރ ކެޕްޓަން އަބްދުﷲ ސައިދު "އައްޑޫލައިވް" އަށް މީގެކުރިން ވިދާޅުވީ މިއީ އައްޑޫގެ ވިޔަފާރިވެރިންނަށް އަގުހެޔޮކޮށް އިންޑިއާއިން މުދާ ގެނައުމަށް ހުޅުވިގެންދާ ދޮރެއް ކަމަށެވެ.
އަދި ޝެޑިއުލްއެއްގެ ތެރެއިން ދަތުރު ފެށުމުން ވިޔަފާރިވެރިންނަށް މުދާ ގަނައުމަށް ބޮޑުތަން ފަސޭހަ ވެގެންދާނެ ކަމަށާއި އެއާއި އެކު މުދަލުގެ އަގުތައް ކުޑަވެގެންދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
ޓުޓިކޮރިން އިން އައްޑޫއަށް މުދާ ގެނައުމުގެ އަގުވެސް މިހާރު އެމްއެސްއެސް އިން ވަނީ އާއްމުކޮށްފައެވެ. އެގޮތުން ޖެނެރަލް ކާގޯ ޓަނެއްގެ އައްޑޫއަށް ގެނެވޭ އަގަކީ ޓަނެއް 35 ޑޮލަރަށެވެ. އަދި އެލްސީއެލް ކާގޯ 39 ޑޮލަރަށް ގެނެވޭއިރު ރެފްރިޖަރޭޓެޑް ކާގޭ ޓަނެއްގެ އަގަކީ 69 ޑޮލަރުކަމަށް ސައީދު ވިދާޅުވިއެވެ.
އައްޑޫ އަދި ހުވަދޫއަށް ޓިޓިކޮރިންއިން ސީދާ ކާގޯ ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަން އިއުލާންކޮށްފައިވަނީ ހއ. ހޯރަފުށީ އެއާޕޯޓު ހުޅުވައިދިނުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ.
ވިޔަފާރި ލާމަރުކަޒީކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އަގުހެޔޮކޮށް ރާއްޖެއިން ބޭރުން ސީދާ މުދާ ގެނެސް އަތޮޅުތައް ތަރައްޤީ ކުރުމުގެ ސިޔާސަތުގެ ދަށުން ހދ. ކުޅުދުއްފުއްޓާއި އިންޑިޔާގެ ކޮޗިންއާ ދެމެދު މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ކާގޯ ފެރީގެ ހިދުމަތް ފަށާފައެވެ.