މާލޭގައި ފުލުހުން މިއަދު ހިންގަމުންދާ ޑްރަގުގެ ބޮޑު އޮޕަރޭޝަނުގައި 71 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި އޮޕަރޭޝަނުގައި ގާތްގަނޑަކަށް 71 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އެގޮތުން މަސްތުވާތަކެތި ހުރީ ދެ ގޯންޏެއްގެ އިތުރުން ދެ ލަގެޖެއްގައި ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ފަރީދީ މަގުގެ ބައެއް ބަންދުކޮށްގެން ފުލުހުން ކުރިއަށްގެންދާ މި އޮޕަރޭޝަނުގައި ޖުމްލަ 10 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ރާއްޖެއަށް އެތެރެކޮށްފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެހި އެސަރަހައްދުގައި އޮތް ކާރަކުން ފެނިފައިވާ ކަމަށާއި އެކާރުން ފޮރެންސިކް އެވިޑެންސް ނަގަމުން އަންނަ ކަމަށެވެ.
އަދި ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓާއި، އިންޓެލިޖެންސް އަދި މެރިން ފުލުހުން ގުޅިގެން ކަނޑުމަގާއި އެއްގަމުގައި މި އޮޕަރޭޝަން ކުރިއަށް ގެންދާތާ ހަފްތާއެއް ވެފައިވާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
މި އޮޕަރޭޝަނާ ގުޅުންހުރި އިތުރު މަސައްކަތްތައް އަދިވެސް ކުރިއަށްދާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން މިއަހަރުތެރޭ މީގެކުރިން ވެސް ވަނީ ޑްރަގުގެ ބޮޑެތި އޮޕަރޭޝަންތައް ހިންގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައެވެ.