Last Updated: June 15, 05:54
Sunday, June 15, 2025
ޚަބަރު

ޑްރަގު ވަންނަ ދޮރުތައް ދަނީ ގިނަވަމުން: އާދަމް ޝަރީފް

އާދަމް ޝަރީފް އުމަރު-- ފޮޓޯ: މަޖިލިސް

ޑްރަގް ވަންނަ ދޮރުތައް ގިނަވަމުންދާ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ މިއަދު މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 71 ކިލޯގެ މަސްތުވާތަކެތި ހޯދައި 10 މީހަކު ހައްޔަރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މިއަދުގެ އޮޕަރޭޝަނަށް އިޝާރާތް ކުރައްވައި އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑްރަގުގެ ކުށުގައި ހިފޭ ބައެއް މީހުން ވަރަށް ފަސޭހައިން މިނިވަންވާ ކަމަށާއި އެއީ ޑީލު ހަދައިގެން ކަމަށެވެ. އަދި މިހެންވުމުން ޑްރަގު ވަންނަ ދޮރުތައް ގިނަވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މުޖުތަމައު އާއި އާއިލާ ޑްރަގުގެ ވަބާއިން ސަލާމަތް ކުރެވޭނީ ހަރުކަށި ފިޔަވަޅު އެޅި، ގާނޫނު ތަންފީޒުކޮށްގެން" އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވިއިރު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު މާލެއިން އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއިއެކު ހައްޔަރު ކޮށްފައިވާ ފަސް މީހަކު ދޫކޮށްލަން ކްރިމިނަލް ކޯޓުން ދާދިފަހުން ވަނީ އަމުރުކޮށްފައެވެ.

މިމީހުންނާއި އެކު ފުލުހުން އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ އެއް ކިލޯއަށްވުރެ ގިނަ ކެނަބިސް އާއި 108 ގްރާމް އެމްޑީއެމް އަދި 7 ގްރާމް ހެރޮއިން އެވެ.

މި ތަކެތި ފުލުހުން ހޯދާފައިވަނީ ޑްރަގް އިންޓެލިޖެންސްއިން ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ހެންވޭރު ވައިފިނިގޭގެ 6 ވަނަ ބުރި ބަލާފާސްކުރި ކުރުމުންނެވެ.

މި މައްސަލައާ ގުޅިގެން ޖުމްލަ 7 މީހަކު ހައްޔަރުކުރިއިރު، މި މައްސަލައިގައި ބައިވެރިވާ ކަމަށް ހެކި ލިބިފައި ނުވާތީ މީގެކުރިން ވެސް ވަނީ ދެ މީހަކު ދޫކޮށްލާފައެވެ.