Last Updated: June 15, 05:54
Sunday, June 15, 2025
ޚަބަރު

އަދުލުގެ ނިޒާމުގައި މައްސަލަ ހުއްޓަސް ޑްރަގް ޓްރެފިކް ކުރުން ހުއްޓުވާނެ

މުހައްމަދު ހަމީދު - ފޮޓޯ: ރައީސް އޮފީސް

އަދުލު އިންސާފުގެ ނިޒާމުގައި މައްސަލަތައް ހުރި ނަމަވެސް ޑްރަގް ޓްރެފިކް ކުރުން ހުއްޓުވަން ފުލުހުން ކުރާ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ މިހެން ވިދާޅުވީ މިއަދު މާލޭގައި ފުލުހުން ކުރިއަށްގެންދިޔަ ޑްރަގުގެ ބޮޑު އޮޕަރޭޝަނާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ސީޕީ ހަމީދު ވިދާޅުވީ މި އޮޕަރޭޝަނުގައި 71 ކިލޯގެ ހެރޮއިން އަތުލައިގެންފައިވާ ކަމަށާއި އެ ތަކެތީގެ މަގުމަތީ އަގު 71 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށެވެ. އަދުލު އިންސާފުގެ ނިޒާމުގައި މައްސަލަތައް ހުރި ނަމަވެސް ޑްރަގް ޓްރެފިކް ކުރުން ހުއްޓުވަން ކުރާ މަސައްކަތް ކުރިއަށްގެންދާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ފަރީދީ މަގުގެ ބައެއް ބަންދުކޮށްގެން ފުލުހުން ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި ޖުމްލަ 10 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ރާއްޖޭގައި ޑްރަގް ޓްރެފިކް ކުރުން ހުއްްޓުވަން ފުލުހުން ވަނީ ފަހަަކަށް އައިސް ގިނަ އޮޕަރޭޝަންތަކެއް ހިންގައި ގިނަ އަދަދެއްގެ ޑްރަގް އަތުލައިގަނެ، ތުހުމަތު ކުރެވޭ އެތައް ބަޔަކު ހައްޔަރުކޮށްފައެވެ. ނަމަވެސް ކޯޓާއި ހިސާބުން އެމީހުން ދޫވުމަކީ އާއްމުންގެ ބޮޑު ޝަކުވާ އެކެވެ.

އެގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު މާލެއިން އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއިއެކު ހައްޔަރު ކޮށްފައިވާ ފަސް މީހަކު ދޫކޮށްލަން ކްރިމިނަލް ކޯޓުން ދާދިފަހުން ވެސް ވަނީ އަމުރުކޮށްފައެވެ.