Last Updated: June 15, 05:54
Sunday, June 15, 2025
ޚަބަރު

ރާއްޖޭގައި ވޯޓުލާ 18 ޕަސެންޓް މީހުން ރިޝްވަތުގެ މުއާމަލާތް ހިންގާ

ވޯޓު ފޮށި ބަންދުކޮށްފައި، ފޮޓޯ: އިބްރާހިމް އަބްދުﷲ

ރާއްޖޭގައި ވޯޓުލާ މީހުންގެ ތެރެއިން 18 ޕަސެންޓް މީހުންނަކީ ރިޝްވަތުގެ މުޢާމަލާތް ހިންގާ މީހުން ކަމަށް ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އާންމުކުރި ދިރާސާއަކުން ދައްކައިފިއެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ އެންޓި-ކޮރަޕްޝަނުގެ ދުވަހުގެ މުނާސަބަތުގައި އޭސީސީގެ ރައީސް މަރްޔަމް ޝިއުނާ ދެއްވި ހިތާބުގައި ވިދާޅުވީ ކުރިއަށް އޮތް އަހަރަކީ، ނަޒާހަތްތެރިކަން އިސްކޮށް މުހިންމު ނިންމުމެއް ނިންމަންޖެހޭ އާންމު އިންތިޚާބެއް އޮތް އަހަރެއް ކަމަށެވެ.

އެގޮތުން ކޮންމެ މުޖުތަމަޢެއްގައިވެސް އެތަނެއްގެ ކަންކަން ނިންމުމަށްޓަކައި ރައްޔިތުންގެ ފަރާތުން ބަސްބުނާނެ މަންދޫބުން ޢައްޔަންކުރުމަކީ ޑިމޮކްރަސީ ދަސްކޮށްދީފައިވާ ވަރަށް މުހިންމު އަސާސެއް ކަމަށާއި ނަމަވެސް، ރައްޔިތުންގެ މަންދޫބުން ޢައްޔަންކުރުމަށްޓަކައި ވޯޓު ދިނުމުގެ އަސާސީ ޙައްޤުގެ ޙަޤީޤީ ފައިދާ ރައްޔިތުންނަށް ފެންނަމުން ނުދަނީ ކީއްވެގެންކަމާމެދު ވިސްނާ މީހުން ވަރަށް މަދު ކަމަށް ޝިއުނާ ވިދާޅުވިއެވެ. އަދި ވޯޓު ދިނުމުގައި ރިޝްވަތުގެ ހުތުރު ޢަމަލުތަކަށް ހުށަހެޅިގެންދާ ދިއުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށްވެސް ވިދާޅިވެފައިވެއެވެ.

"ދާދިފަހުން ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އާންމުކުރި ދިރާސާއެއްގައި ދައްކާގޮތުން، އޭޝީއާގެ ޤައުމުތަކުގައި ކޮންމެ 7 މީހަކުން އެކަކީ ވޯޓު ދިނުމުގައި ރިޝްވަތުގެ މުޢާމަލާތް ހިންގާފައިވާ މީހެއް ކަމަށާއި، ދިވެހިރާއްޖޭގައި ވޯޓުލާ މީހުންގެ ތެރެއިން 18 ޕަސެންޓް މީހުންނަކީ ރިޝްވަތުގެ މުޢާމަލާތް ހިންގާ މީހުންކަމަށް ބުނެފައިވެއެވެ" ޝިއުނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަންދޫބުން ޢައްޔަންކުރުމުގެ ބާރު ރައްޔިތުންނަށް ދިނުމުގެ ބޭނުމަކީ، ވޯޓު ވިއްކުމަށް ދެވޭ ލައިސެންސެއް ނޫން ކަމަށާއި އެއީ، ތިމާވެސް ހިމެނޭގޮތަށް ދެންތިބި ހުރިހާ ރައްޔިތުންގެ މުސްތަޤުބަލާމެދު ގޮތެއް ނިންމުމަށް ނަޒާހަތްތެރިކަމާއެކު ވޯޓު ދިނުމަށް ލިބިދީފައިވާ އަސާސީ ޙައްޤެއް ކަމަށް އޭސީސީގެ ރައީސް ވިދާޅުވިއެވެ.

އަދި ވޯޓު ހޯދުމަށް ރައްޔިތުންގެ ކުރިމައްޗަށް އަރާ މީހުންނަކީ، ވިޔަފާރި އުސޫލުން ވޯޓު ހޯދާ މީހަކަށްވާނަމަ، އެކަމަށް ފާޅުގައި ދެކޮޅު ހަދަންޖެހޭ ކަމަށާއި އެގޮތަށް ޢަމަލުނުކުރެވޭނަމަ، އިންތިޚާބު ކުރެވޭ މީހަކީ، މަދު ބައެއްގެ ބާރުވެރިކަމުގައި އެބަޔަކު ބޭނުންވާގޮތަކަށް އެބައެއްގެ ނުވަތަ އަމިއްލަ މަސްލަޙަތުގައި ވާހަކަ ދައްކާ ކަންކަން ނިންމާ މީހަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބުގައި އޭސީސީގެ އަމާޒަކީ، ވޯޓު ގަނެ ވިއްކުމުގައި ރިޝްވަތުގެ މުޢާމަލާތްތައް ހުއްޓުވައި، ޤާނޫނީ އިމުގެތެރެއިން އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށެވެ. މިކަމާމެދު ކެނޑިޑޭޓުންނާއި ވޯޓު ދޭންތިބި އާންމު މީހާވެސް ސަމާލުވުމަށް އިލްތިމާސްކުރަމެވެ" ޝިއުނާ ވިދާޅުވިއެވެ.