5 މިލިއަން ރުފިޔާ އަށް ވުރެ ދަށުގެ ހުރިހާ ޕްރޮކިއުމަންޓްތަކުގެ މައުލޫމާތު ގެޒެޓް މެދުވެރިކޮށް ހާމަކުރުމަށް މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު ދައުލަތުގެ މުއައްސަސާތަކަށް އަންގަވައިފި އެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ ސަރުކާރުގެ އޮފީސްތަކުންނާއި، މިނިވަން މުޢައްޞާތަކުން ކުރިއަށްގެންދާ ޕްރޮކިއުމަންޓަކީ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އަގުގެ ޕްރޮކިއުމަންޓެއް ކަމުގައިވާނަމަ އެފަދަ ޕްރޮކިއުމަންޓްތައް އެވޯޑްކޮށްފައިވާ ފަރާތުގެ މަޢުލޫމާތު، އެ ޕްރޮކިއުމަންޓެއް އެވޯޑް ކުރެވުނު ތާރީޚުން ފެށިގެން ސަރުކާރު ބަންދުނޫން 5 ދުވަހުގެ ތެރޭގައި އާއްމުކުރަންޖެހޭނެ ކަމަށެވެ.
އަދި ސަރުކާރުގެ އޮފީސްތަކުންނާއި، މިނިވަން މުއައްޞަޞާތަކުން ކުރިއަށްގެންދާ ޕްރޮކިއުމަންޓަކީ މާލިއްޔަތުގައި ބަޔާންކޮށްފައިވާ އަގުގެ ޕްރޮކިއުމަންޓެއް ކަމުގައިވާނަމަ ކޮންމެ މަހެއްގައި އެފަދަ ޕްރޮކިއުމަންޓްތައް އެވޯޑްކޮށްފައިވާ ފަރާތުގެ މަޢުލޫމާތުވެސް، ދެން ފެށޭ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރުމަށް ވެސް ވަނީ އަންގަވާފައެވެ.
މީގެއިތުރުން ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން 15 އިންސައްތަ އަށްވުރެ އިތުރަށް އެޑްވާންސްގެ ގޮތުގައި ފައިސާ ދިނުމުގައާއި، އެއްފަހަރާ ފައިސާ ދައްކައިގެން ނޫނީ ލިބެން ނެތް މުދަލާއި ޚިދުމަތުގެ އަގު 35،000 ރުފިޔާއަށްވުރެ ބޮޑުކަމުގައިވާނަމަ، އެ ފައިސާ އެއްފަހަރާ ދޫކުރުމުގެ ކުރިން ފިނޭންސް މިނިސްޓަރގެ ހުއްދަ ހޯދުމަށް ބަނޑޭރި ޕޯރޓަލް މެދުވެރިކޮށް ހުށަހަޅަން ވެސް ވަނީ އަންގާފައެވެ.
އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުން ދައުލަތުގެ އޮފީސްތަކުގައި ގާއިމްކޮށްފައިވާ ބިޑް ކޮމިޓީތަކުގައި ހިމެނޭ މެންބަރުންގެ މަޢުލޫމާތުތައް އަދާހަމަކުރުމުގެ ގޮތުން ބިޑް ކޮމިޓީތަކުގެ މަޢުލޫމާތު މިމަހުގެ 31 ވަނަ ދުވަހުގެ 1400ގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.