ޖަލަކީ ދިވެހި ޒުވާނުން އުމުރު ހޭދަކުރަންޖެހޭ ތަނެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުކުމް ތަންފީޒު ކުރަމުން ގެންދާ ގައިދީން އަލުން އަނބުރާ މުޖުތަމައު އަށް ގެނައުމަށްޓަކާ ހިންގޭ ޕްރޮގްރާމްގެ ތެރެއިން މަސައްކަތްތެރިކަމުގެ ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމާއި ގުޅުވައި ކުރެއްވި ޓްވީޓެއްގައެވެ.
އެގޮތުން އެ ޕްރޮގްރާމްގައި ބައިވެރިވެ 50 ގައިދީން ވަނީ ސެޓްފިކެޓް ހާސިލުކޮށްފައެވެ.
އިމްރާން ވިދާޅުވީ ޖަލަކީ ދިވެހި ޒުވާނުން އުމުރު ހޭދަކުރަންޖެހޭ ތަނެއް ނޫން ކަމަށާއި ސަރުކާރުގެ އަމާޒަކީ އެކި ސަބަބުތަކާ ހުރެ ގޯސް މަގު ހިޔާރުކުރެވޭ މީހުންނަށް، ހާއްސަކޮށް ޒުވާނުންނަށް އަލުން އަނބުރާ ކުށުގެ ވެއްޓަށް ނުގޮސް ޒިންމާދާރު ދިރިއުޅުމެއް ބިނާކުރުމަށް އެހީވުން ކަމަށެވެ.
"އެކި ސަބަބުތަކާ ހުރެ ގޯސް މަގު ހިޔާރުކުރެވޭ މީހުންނަށް، ހާއްސަކޮށް ޒުވާނުންނަށް އަލުން އަނބުރާ ކުށުގެ ވެއްޓަށް ނުގޮސް ޒިންމާދާރު ދިރިއުޅުމެއް ބިނާކުރުމަށް އެހީވުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް" އިމްރާން ވިދާޅުވިއެވެ.
ގައިދީން އަލުން އަނބުރާ މުޖުތަމައު އަށް ގެނައުމަށް ޖަލުތަކުގައި އަންނަނީ ތަފާތު އެކި ޕްރޮގްރާމްތައް ހިންގަމުންނެވެ.