Last Updated: June 15, 05:54
Sunday, June 15, 2025
ޚަބަރު

ގާނޫނު އަސާސީގައި ހުރި ބަރުލަމާނީ ސިފަތައް އުވާލަންޖެހޭ: ދީދީ

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ -- ފޮޓޯ / މިހާރު

ގާނޫނު އަސާސީގައި ހުރި ބަރުލަމާނީ ސިފަތައް އުވާލަންޖެހޭ ކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެރިކަމުގެ ނިޒާމާ ގުޅިގެން ގެނައުން މުހިންމު ދުސްތޫރީ ބަދަލަކީ ގާނޫނު އަސާސީގައި މިހާރު ހުރި ބަރުލަމާނީ ނިޒާމުގެ ސިފަތައް އުވާލުން ކަމަށެވެ. އަދި ރައްޔިތުން ފާސްކޮށްފައިވާ ރިޔާސީ ނިޒާމުގެ އަސާސީ ސިފަތައް ރިފްލެކްޓް ވެގެންދާނޭ ފަދަޔަކުން ޗެކްސް އެންޑް ބެލެންސެސްގެ ނިޒާމު ހަރުދަނާކުރަންޖެހޭ ކަމަށްވެސް ދީދީ ވިދާޅުވިއެވެ.

ދީދީ މިހެން ވިދާޅުވެފައިމިވަނީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމުގެ ބަހުސް އަނެއްކާވެސް ގަދަވާން ފަށާފައިވާ ދަނޑިވަޅެއްގައެވެ. ރާއްޖޭގައި މިވަގުތު އޮތީ ރިޔާސީ ނިޒާމެއް ކަމަށްވާއިރު، ވެރިކަން ކުރަން އެންމެ ރަނގަޅު ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބުމުގެ އެންމެ ކަށަވަރު މަގަކީ ބަރުލަމާނީ ނިޒާމު ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އެމްޑީޕީ އަށް ކުރިއަށް އޮތް 10 އަހަރު ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތްކޮށްދެވެން އޮތް ނިޒާމަކީ ވެސް ބަރުލަމާނީ ނިޒާމު ކަމަށް ނަޝީދު ވިދާޅުވިއެވެ.