Last Updated: June 15, 05:54
Sunday, June 15, 2025
ވިޔަފާރި

އައްޑޫ ހޮސްޕިޓަލުގައި އެސްޓީއޯ އިން ފާމަސީއެއް ހުޅުވައިފި

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި އެސްޓީއޯގެ ފާމަސީއެއް މިއަދު ހުޅުވައިފިއެވެ.

"އެސްޓީއޯ ފާމަސީ އޭއީއެޗް" ގެ ނަމުގައި ހުޅުވި މި ފާމަސީން 24 ގަޑިއިރު ހިދުމަތް ލިބެން ހުންނާނެ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

އެސްޓީއޯ އިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 180 އަށް ވުރެ ގިނަ ފާމަސީ މިހާތަނަށް ހުޅުވާފައެވެ.

އައްޑޫ ހޮސްޕިޓަލަކީ ޓާޝަރީ ފެންވަރަށް ހަދާފައިވާ ހޮސްޕިޓަލަކަށް ވާއިރު، އެ ހޮސްޕިޓަލުން ދެމުންދާ ހިދުމަތްތަކުގެ ތެރޭގައި އެކްސްރޭ، އޯޕީޑީ، ލެބޯރަޓްރީ އަދި ފިޒިއޮތެރަޕީގެ ހިދުމަތް ހިމެނެއެވެ.

އޭގެއިތުރުން ކާޑިއޯ، ޑެންޓަލް، ޔޫރޮލޮޖީ، ރެސްޕިރެޓަރީ، ރީޕްރޮޑަކްޓިވް ހެލްތު އަދި އެކި ކަހަލަ ތެރަޕީތައް ދިނުމާއި، އަދި ބޮޑެތި ބަލިތަކަށް ތަހްލީލްކުރުމާއި ބޮޑެތި އޮޕަރޭޝަންތައް ވެސް އެ ހޮސްޕިޓަލުގައި އަންނަނީ ކުރަމުންނެވެ. އަދި އަންނަ އަހަރު އިތުރު ހިދުމަތްތައް ތައާރަފްކުރުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިދިޔަ ޖެނުއަރީ މަހުގެ 15 ގައި ރަސްމީކޮށް ހިދުމަތް ދޭން ފެށި އޭއީއެޗްގައި އޮޕަރޭޝަން ކުރުމުގެ ކަންކަން ކުރިއަށްގެންދަން ފަސް ތިއޭޓަރު ހުރެއެވެ.