Last Updated: June 15, 18:01
Sunday, June 15, 2025
ޚަބަރު

އަދީބާއި ޒިޔަތާއެކު ޑީލު ހަދައިގެން ޔާމީނަށް ދަނީ އަނިޔާކުރަމުން: އަދުރޭ

އެމްއެމްޕީއާރުސީ ޚިޔާނާތުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޒިޔަތާއި ޑީލު ހަދައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ސަރުކާރުން އަނިޔާ ދެމުންދާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ ޔާމީން އާއި ބައްދަލުކުރަަން މިއަދު ވަޑައިގެންނެވި ވަކީލުންނަށް އެމަނިކުފާނާ ބައްދަލުކުރެވޭ ގޮތް ނުވުމުން ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން އަދުރޭ ވިދާޅުވީ މި ސަރުކާރުން ގެންދަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ދިފާޢުވުމުގެ ޙައްގުން ރައީސް ޔާމީން މަޙުރޫމްކުރަމުން ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ޙަގީގީ ބައިވެރިން ކަމުގައިވާ އަދީބާ ޒިޔަތާއެކު ޑީލް ހަދައިގެން އިތުރު މައްސަލަތައް އުފަން ކުރުވާ ގަސްދުގައި ޔާމީނަށް އަނިޔާދެމުންދާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ސާބިތުވެ އޭނާގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް އޭނާ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭގައެވެ.

އަދި ޅ. މާބިންހުރާގެ ދޫކޮށްގެން ދައުލަތަށް ލިބުނު ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި ޒިޔަތަށް 8 އަހަރުގެ ޖަލު ހުކުމެއް ކުރިން އިއްވާފައިވާއިރު ދާދިފަހުން އޭނާގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވާފައެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ޔާމީން އެކަންޏެވެ. އެގޮތުން ޔާމީން ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.