ސަރުކާރުގެ އިދާރާތަކުގެ ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓްކުރަން ރައީސް އޮފީހުގައި ގާއިމްކޮށްފައިވާ ޕޯޓަލް އަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 209 މައްސަލައެއް ތަހުގީގުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިކަން ހާމަކުރެއްވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދިޔަ ޓްރާންސްޕޭރެންސީ އެންޑް އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2020 ނިންމުމުގެ ރަސްމިއްޔާތުގައި ދެއްވި ވީޑިއޯ މެސެޖުގައެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައިވެސް ކޮރަޕްޝަނަކީ، ވަރަށް ދުވަސްވީ ބޮޑު މައްސަލައެއް ކަމަށާއި ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް މޫލައި ފެތުރިފައި އޮތް، އަދި ޙައްލުކުރުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ބޮޑު ކަމެއް ކަމަށެވެ.
އެގޮތުން ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުމަށް، މިދިޔަ އަހަރުގެ ފެބުރުވަރީ 12 ވަނަ ދުވަހު ޤާއިމުކުރި ޕޯރޓަލްއަށް ހުށަހަޅާފައި ހުރި މައްސަލަތަކަށް ބަލައިލުމުންވެސް، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި، މި ބަލި ފެތުރިފައި އޮތް މިންވަރު ވަޒަންކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިދިޔަ ނޮވެންބަރު މަހުގެ ނިޔަލަށް އެ ޕޯރޓަލްއަށް ހުށަހެޅުނު 1081 މައްސަލައިގެ ތެރޭގައި، ދައުލަތުގެ ހުރިހާ އިދާރާތަކަށް ރައްދުވާ މައްސަލަތައް އެބަހުރިކަން ރައީސް ފާހަގަކުރެއްވިއެވެ.
"އޭގެ ތެރޭގައި މިނިސްޓްރީތަކާއި، ސަރުކާރުގެ ކުންފުނިތަކާއި، ކައުންސިލްތަކަށް ރައްދުވާ މައްސަލަތައް އެބަހުރި. އަދި މިނިވަން މުއައްސަސާތަކަށާއި، ޤާނޫނީ އަދި ޝަރުޢީ އިދާރާތަކަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި، އެމް.އެން.ޑީ.އެފް.އަށާއި، ރައްޔިތުންގެ މަޖިލީހަށް ރައްދުވާގޮތަށް ހުށަހެޅިފައި ހުރި މައްސަލަތައް އެބަހުރި" ރައީސް ވިދާޅުވިއެވެ.
އޭގެ ތެރެއިން ތަޙުޤީޤީ އިދާރާގެ ދައުރެއް އޮތްކަމަށް ފާހަގަކުރެވޭ މައްސަލަތައް، ތަޙުޤީޤީ އިދާރާތަކަށް ހުށަހަޅަމުންދާ ކަމަށާއި އެގޮތުން އެފަދަ 209 މައްސަލައެއް، މިދިޔަ ނޮވެންބަރު މަހުގެ ނިޔަލަށް އޭ.ސީ.ސީއަށް ފޮނުވާފައިވާއިރު އޭގެ ތެރެއިން 51 މައްސަލައެއް އޭސީސީން ބަލައިގެންފައި އަދި ޖިނާއީ ތުހުމަތު އެކުލެވޭ މައްސަލަތައް ފުލުހުންނާ ހިއްސާކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ދައުލަތުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވެގެންދާ ގޮތަށް ހުރި، ވަރަށް ގިނަ ކަންތައްތައް އެބަހުއްޓެވެ. އެގޮތުން އެއްކަމަކީ، ޕްރޮކިއުމަންޓްގެ ކަންތައް މިހާތަނަށް އޮތްގޮތް ކަމަށާއި އަދި ދެވަނަ ކަމަކީ، ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ ބީލަމުގެ ކަންތައް ރޭވިފައި ހުރިގޮތް އިރު އަނެއްކަމަކީ، ދައުލަތުގެ އިދާރާތަކުން ޚިދުމަތް ދިނުމުގައި ޢަމަލުކުރެވޭ ގޮތްތަކާއި ވަޒީފާ ދިނުމުގައި ޢަމަލުކުރަމުން އައިގޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
"ދައުލަތުގެ އިދާރާއަކުން ކަމެއްކުރަން، ނުވަތަ ޚިދުމަތެއް ހޯދަން ނުވަތަ ވަޒީފާއެއް ހޯދަން، ނުވަތަ ބީލަމެއް ހުށަހަޅަން ބޭނުންވިޔަސް، ކޮންމެ މީހަކަށްވެސް މިހާރު ޤަބޫލުކުރެވިފައި އޮންނަނީ، އެކަމެއް ހާސިލުކުރެވޭނީ، އެ އިދާރާގެ ކޮންމެވެސް މީހެއްގެ އެހީތެރިކަމާ އެކުގައި ކަމަށް. މިހެންވުމުން، އެންމެ ފުރަތަމަވެސް ބަލަނީ ތިމަންނާގެ ރައްޓެއްސެއް، ނުވަތަ ރައްޓެއްސެއްގެ ރައްޓެއްސެއް ނަމަވެސް އެތަނެއްގައި ހުރިތޯ" ރައީސް ވިދާޅުވިއެވެ.
އެގޮތުން މިހާހިސާބުން އެ ފެށެނީ، ހަމައާއި އުޞޫލުން ބޭރުން ކަންތައްތައް ކުރުމުގެ އާދަ ކަމަށާއި މިއީ، މިހާރުން މިހާރަށް ބަދަލުކުރަންޖެހިފައިވާ ޘަޤާފަތެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ކޮރަޕްޝަން ހުއްޓުވުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭކަމަކީ، އެ ވާހަކަ ދައްކާ މީހާވެސް، ކޮރަޕްޝަނާ ދުރުވުންކަން ރައީސް ފާހަގަކުރެއްވިއެވެ.