Last Updated: June 15, 18:01
Sunday, June 15, 2025
ޚަބަރު

އެންމެ ބޮޑެތި ވަގުންނަށް ރައީސް ރައްކާތެރިކަން ދީފި: ޖަމީލު

އެންމެ ބޮޑެތި ވަގުން ތިބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރައްކާތެެރިކަން ލިބިގަނެގެން ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ކުރީގެ ސަރުކާރުން ހާމަކުރީ ވެރިކަން ފުރޮޅާލަން އުޅޭ ކަމަށް ޝައްކު ކުރެވުމުން ކަމަށް ރައީސް ސޯލިހު ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ޖަމީލު ވިދާޅުވީ މި ސަރުކާރަށް އަދި ރައީސް ސޯލިހަށް ވެސް ކޮރަޕްޝަން ނުހުއްޓުވޭނެ ކަމަށާއި އެންމެ ބޮޑެތި ވަގުން ތިބީ ރައީސްގެ ރައްކާތެެރިކަން ލިބިގަނެގެން ކަމަށެވެ. އަދި މިވަރަށް ކޮރަޕްޝަން ޢާންމު މިވީ އަދަބުގެ ނިޒާމް ފުނޑާލުމުން ކަމަށާއި އެފަދަ ވާހަކަތައް ކުއްލިއަކަށް ދައްކަވަނީ ހުތުރު އަމަލުތައް ފޮރުވުމުގެ ބޭނުމުގައި ކަމަށް ޖަމީލު ވިދާޅުވިއެވެ.

"ހުކުމަށްފަހުވެސް ބޮޑެތި ކުށްވެރިން ގޭގައި ތިބުމުން އެނގިގެން ދަނީ ކޮރަޕްޝަން ހުއްޓުވޭ ވަރަށް ވުރެ ރައީސްގެ އަތް ކިލަނބުވެފައިވާކަން. ހަމައެކަނި ސާބިތުކޮށްދެވުނީ ކޮރަޕްޝަނަކީ ބިރުގަންނަންޖެހޭ ވަރުގެ ކުށެއް ނޫންކަން. މިއީ މަނިކުފާނު ދޫކުރައްވާނެ ލެގަސީ" ޖަމީލު ވިދާޅުވިއެވެ.

ޖަމީލު މިހެން ވިދާޅުވިއިރު އެމްއެމްޕީއާރުސީ ޚިޔާނާތުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޒިޔަތު ދައުލަތަކާއެކު ހެދި އެއްބަސްވުމުގެ ދަށުން ވަނީ އަދަބު ލުއިވެފައެވެ.

އެގޮތުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ސާބިތުވެ އޭނާގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް އޭނާ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭގައެވެ.

އަދި ޅ. މާބިންހުރާގެ ދޫކޮށްގެން ދައުލަތަށް ލިބުނު ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި ޒިޔަތަށް 8 އަހަރުގެ ޖަލު ހުކުމެއް ކުރިން އިއްވާފައިވާއިރު ދާދިފަހުން އޭނާގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވާފައެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ޔާމީން އެކަންޏެވެ. އެގޮތުން ޔާމީން ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.