މަސްވެރިންނަށްވީ ވައުދުތައް ފުއްދުމުގައި މި ސަރުކާރު ފަހަތަށް ނުޖެހޭނެ ކަމަށް ޔަގީންކުރާ ކަމަށް، ސަރުކާރު ކޯލިޝަނުގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.
މިއަދު ފާހަގަކުރަމުންދާ މަސްވެރިންގެ ދުވަހާ ގުޅުވައި އެމްއާރްއެމުން ނެރުނު ބަޔާނެއްގައި ބުނީ މަސްވެރިކަމަކީ ރާއްޖެ އަށް ވަރަށް ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތް ކަމަށާއި މި ދާއިރާގައި ޒުވާނުންގެ ބައިވެރިވުން މިއަދު އިތުރުވެފައިވުމަކީ ދާއިރާ އަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
އެގޮތުން މި ސިނާއަތް ކުރިއެރުވުމަށް އަދިވެސް އެތައް މަސައްކަތެއް ކުރަންޖެހޭ ކަމަށާއި އެގޮތުން މަސްވެރިން ބާނާ މަހަށް އެކަށީގެންވާ ރަނގަޅު އަގެއް ނުލިބުމާއި، އެ މަސް ކިރޭނެ އެކަށީގެންވާ އިންތިޒާމުތަކެއް ނެތުމުގެ ޝަކުވާއަކީ މަސްވެރިން މިއަދު ކުރަމުންދާ އެންމެ ބޮޑު އެއް ޝަކުވާ ކަމަށް އެމްއާރްއެމުން ބުނެއެވެ.
މީގެއިތުރުން ކޮވިޑްގެ ދަތި ހާލަތުގައި ވެސް ކަންނެލި މަސްގަނެ ބޭރުކުރާ ކުންފުނިތަކަށް 100 މިލިއަން ރުފިޔާގެ ލޯނު ފެސިލިޓީއެއް ހަމަޖައްސައިދީ، ކަޅުބިލަ މަސް ގަތުމަށް އޮތް އެކްސްކްލޫސިވިޓީ އުވާލުމާއި، މަސްވެރިން ބާނާ މަހަށް ފައިސާ ދެއްކޭނެ މަގު ތަނަވަސްކޮށްދިނުމަކީ މި ސަރުކާރުން މަސްވެރިންނަށް ދެއްވާ އަހައްމިއްޔަތުކަން ހާމަވެގެންދާ ކަމެއް ކަމަށްވެސް އެމްއާރްއެމް އިން ބުނެއެވެ.
"އެހެން ކަމުން، މަސްވެރިންނަށް ކޮށްދޭން ވައުދުވެފައިވާ ކަންތައްތައް ކޮށްދެއްވުމުގައި، މި ސަރުކާރު ފަސްޖެހިވަޑައިނުގަންނަވާނެ ކަން ޔަގީންކުރަމެވެ" އެ ބަޔާނުގައި ވެއެވެ.