Last Updated: June 15, 18:01
Sunday, June 15, 2025
ޚަބަރު

އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެކްސިން ޖަހަން ފަށަނީ

އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގައި ކޮވިޑް-19 ގެ ވެކްސިން ޖަހަން ފެށޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެޗްއީއޯސީގެ ތަރުޖަމާން އަދި ކޮވިޑް ވެކްސިން ޓާސްކް ފޯހުގެ ވެރިޔާ ޑރ. ނަޒްލާ ރަފީގު މިއަދު ވިދާޅުވީ ކޮވިޑް ވެކްސިން ހޯދުމަށް އުފައްދާފައިވާ ގްރޫޕް "ކޮވެކްސް" މެދުވެރިކޮށް ރާއްޖޭގެ އާބާދީގެ 20 ޕަސެންޓަށް ބޭނުންވާ ވެކްސިން ހޯދަން ހުށަހެޅި ލިޔުން މިއަދު ބަލައިގަނެފައިވާ ކަމަށެވެ.

ރާއްޖެ އަށް ގެންނަން ނިންމާފައިވަނީ ކޮން ވައްތަރެއްގެ ވެކްސިނެއްކަން އަދި ނިންމާފައި ނުވާ ކަމަށާއި ވީހާ އަވަހަކަށް ވެކްސިން ގެންނަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ. އަދި އުއްމީދަކީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެކްސިން ޖަހަން ފެށުން ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ލިބޭ ވެކްސިންގެ 17 ޕަސެންޓް ޖެހުމަށް ހަމަޖެހިފައިވަނީ 50 އަހަރުން މަތީގެ މީހުންނާއި ކޯވިޑް-19 ޖެހިއްޖެނަމަ، ބަލީގައި ބޮޑުވަރު ވެދާނެ މީހުންނަށެވެ. އަދި ތިން ޕަސެންޓް ވެކްސިން ސީދާ އަދި ނުސީދާ ގޮތުގައި ބަލިމީހުންނަށް އެހީތެރިވާ މީހުން އަދި ބަލީގައި ބޮޑުވަރު ވެދާނެ މީހުންނަށް އެހީތެރިވާ މީހުންނަށް ދިނުމަށް ވަނީ ނިންމާފައެވެ.

މީގެއިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުން، ކުޑަކުދިން އަދި ދުވަސްވީ މީހުންނަށް ހިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ މީހުން، ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް ވެސް ވެކްސިން ދިނުމުގައި އިސްކަންދޭނެ ކަމަށް އެޗްއީއޯސީން ހާމަކުރެއެވެ.

ކޮވިޑް ވެކްސިން ރާއްޖޭގައި ދިނުމަށް ހަމަޖެހިފައިވަނީ ހިލޭ ކަމަށްވާއިރު، ކޮވިޑާއި ދެކޮޅަށް އުފެއްދި ވެކްސިންތައް ދުނިޔޭގެ ބައެއް ގައުމުތަކުގައި މިހާރު ވަނީ ބޭނުން ކުރަން ފަށާފައެވެ.

ރާއްޖެއިން މިހާތަނަށް 13،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު މި ބަލީގައި 47 މީހަކު ވަނީ ނިޔާވެފައެވެ.