އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުންގެ އަތުން ޑޮލަރުން ފީ ނެގުމުގެ މައްސަލަ ހައްލުނުވެ، ބައެއް ދަރިވަރުންގެ ފްލައިން ހުއްޓުމަކަށް އަތުވެއްޖެއެވެ.
އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުންގެ ޔޫނިއަނުން މިއަދު ބުނީ ފްލައިން ސްކޫލް ހިންގާ ސްރީ ލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެރޮނޯޓިކްސްގެ (އޭއޭއޭ) އިންވޮއިސްތަކަށް ޑޮލަރު ދޫނުކުރާނެކަން މެނޭޖްމެންޓަށް އަންގާފައިވާ ކަމަށް ބީއެމްއެލް އިން މައުލޫމާތުދޭ ކަމަށެވެ.
އަދި އެކަމާ ގުޅިގެން ދަރިވަރުންގެ ކަންބޮޑުވުންތައް ސްކޫލާއި ވެސް ހިއްސާކޮށް ރުފިޔާ އިން ފީ ބަލައިގަންނާނެ އިންތިޒާމެއް ހަމަޖައްސައިދޭން އެދިފައިވާ ކަމަށްވެސް ޔޫނިއަނުން ބުނެއެވެ.
"އެ މެއިލްއަކަށް ޖަވާބެއް ވެސް ނުލިބޭ. އެކަމަކު ސްކޫލްގެ މެނޭޖްމެންޓުން ބައެއް ދަރިވަރުންގެ ގާތުގައި އަނގަ ބަހުން އެބަ ބުނޭ ރުފިޔާ އިން ފީ ބަލައިގަނެވެން ނެތް ކަމަށް. އަދި ރުފިޔާ އިން ފީ ބަލައިގަންނާނީ 19.40 ގެ ރޭޓުން ކަމަށްވެސް އެބަ ބުނޭ. އެއްވެސް ކުއްޖަކަށް ފީ ނުދެއްކޭ" ޔޫނިއަންގެ ދަރިވަރަކު ބުންޏެވެ.
މީގެކުރިން ރުފިޔާ އިން ފީ ދެއްކި ނަމަވެސް އެކަމުގައި ސްކޫލުން މައްސަލަ ނުޖައްސާ ކަމަށާއި ނަމަވެސް މިހާރު ޑޮލަރުން ފީ ދައްކަން ދަރިވަރުންނަށް ސްކޫލުން މަޖުބޫރު ކުރަމުންދާ ކަމަށްވެސް ޔޫނިއަނުން ބުނެއެވެ.
ރާއްޖޭގެ މަނިޓަރީ ގަވާއިދު ބުނާގޮތުން ރާއްޖޭގައި ކުރާ ހުރިހާ ވިޔަފާރިއެއްގެ ހުރިހާ އެއްޗެއްގެ އަގާއި، މަސައްކަތުގެ އަގާއި، ފީ އާއި ކުލި ފަދަ ތަކެތީގެ އަގު އަދާކުރުމަށް ރާއްޖޭގެ ރުފިޔާ ފިޔަވައި، އެހެން ފައިސާއެއް ބޭނުން ކުރުމަކީ މަނާ ކަމެކެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފްލައިން ސްކޫލަށް ފިޔަވަޅު އަޅަން އަދި އެތަނުގައި ހުރި މައްސަލަތައް ހައްލުކުރަން އަންގައި މިދިޔަ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހު ނެރުނު ބަޔާނުގައި ވެސް ވަނީ ދަރިވަރުންގެ އަތުން ޑޮލަރުން ފީ ނުނަގަން ސްކޫލަށް އަންގާފައެވެ.
ފްލައިން ސްކޫލްގެ ދަރިވަރުންގެ އަތުން ޑޮލަރުން ފީ ނަގާ މައްސަލަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ފުލުހަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ހުށަހަޅާފައެވެ.