އައްޑޫ ސިޓީގައި ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީ ހާއްސަ އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރެއިން 7 މީހެއްގެ މައްޗަށް 10 ދައުވާއެއް އުފުލައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ އައްޑޫން 79 ކިލޯ މަސްތުވާތަކެއްޗާއެކު، މިިދިޔަ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހު ހައްޔަރުކުރި މީހުންގެ ތެރެއިން 7 މީހުންގެ މައްޗަށް 10 ދަޢުވާ އުފުލައި ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އުފުލި ދައުވާތަކުގެ ތަފްސީލެއް ޕީޖީ ހާމަކޮށްފައެއް ނުވެއެވެ.
މިއީ ދެކުނުގެ ބޮޑު ނެޓްވޯކެއް ކަމަށާއި ހެކިންނަށް ތިބީ ފުލުހުން ކަމަށްވާއިރު ކޯޓުން އަވަސް ޝަރީޢަތެއް ހިންގަވާނެކަމަށް އުއްމީދުކުރާ ކަމަށް ޝަމީމް ވިދާޅުވިއެވެ.
މިމައްސަލަ ތަޙްޤީޤު ކުރި ފުލުހުންގެ އިންވެސްޓީގޭޓަރުން ހިންގީ ރަނގަޅު ތަޙްޤީޤެއް ކަމަށާއި ޕީޖީ އޮފީހުގެ ޑްރަގް ޔުނިޓުގެ ބޭފުޅުން، އެބޭފުޅުންގެ މަސައްކަތް ފުރިހަމަކޮށްފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.
"ދެން އޮތީ ރަނގަޅު ކޭހެއް ކޯޓުގައި ހުށަހެޅުން. އެކަމަށްވެސް އަޅުގަނޑުމެން އެންމެން ތައްޔާރު" ޕީޖީ ވިދާޅުވިއެވެ.
އައްޑޫ ސިޓީން 79 ކިލޯ މަސްތުވާތަކެއްޗާއެކު، 3 އޮކްޓޯބަރުގައި ހައްޔަރުކުރި މީހުންގެ ތެރެއިން 7 މީހުންގެ މައްޗަށް 10 ދަޢުވާ، ހިތަދޫ ކޯޓަށް ހުށަހަޅައިފިން. މިއީ ދެކުނުގެ ބޮޑު ނެޓްވޯކެއް. ހެކިންނަށް ތިބީ ފުލުހުން. ކޯޓުން އަވަސް ޝަރީޢަތެއް ހިންގަވާނެކަމަށް އުއްމީދުކުރަން.
— Hussain Shameem (@HuShameem) December 11, 2020
މި މައްސަލައިގައި ޝަރީއަތް ނިމެންދެން ފަސް މީހަކު ބަންދުގައި ބައިތިއްބަން ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެ ފަސް މީހުންނަކީ ސ. ހިތަދޫ/ ފިނިފަރު، ހަސަން އާމިރު (25އ) ، އާއި ސ. ހިތަދޫ/ބުލޫބާރޑް، ހޫދު ލަތީފް (24އ) އާއި ސ. ހިތަދޫ/މަންދޫބުގެ، ޙުސައިން ސިމާޙު (27އ) އާއި ސ. ހިތަދޫ/ފިނިފަރު، ޢަބްދުﷲ އިބްރާހިމް (33އ) އާއި ސ. ހިތަދޫ/ކޯޅި، މުޙައްމަދު ޔާމީން ނަޞީރު (23އ) އެވެ.
ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރަންއުޅޭ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި ޑްރަގް އިންޓެލިޖެންސް އާއި މެރިން ޕޮލިސް އާއި ސައުތު ޕޮލިސް ޑިވިޜަންގައި ގާއިމްވެތިބޭ ސްޕެޝަލް އޮޕަރޭޝަންގެ ފުލުހުން އަދި ސައުތު ޕޮލިސް ޑިވިޜަން ގުޅިގެން އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި ހިންގި ޚާއްސަ އޮޕަރޭޝަންގައި ވަގުތީ ބަރުދަނުގައި 98.6 ކިލޯގެ މަސްތުވާތަކެތި ފެނިފައި ވެއެވެ.