Last Updated: June 15, 18:01
Sunday, June 15, 2025
ޚަބަރު

ފްލައިން ސްކޫލް ހިންގާ އޭއޭއޭ ބޭރުކުރަން ރޮޒެއިނާ ގޮވާލައިފި

އައްޑޫ ސިޓީ ގަމުގައި ފްލައިން ސްކޫލް ހިންގާ، ސްރީ ލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) ބޭރުކުރަން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ގޮވާލައިފިއެވެ.

މައްސަލަ ބޮޑުވެފައިވާ އައްޑޫ ފްލައިން ސްކޫލްގެ މައްސަލައާ ގުޅިގެން ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ފަސްގަނޑުގައި ތިބެގެން ދިވެހި ކިޔަވާ ކުދިންނަށް މުސީބާއި ޖެއްސުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ. އަދި އޭއޭއޭ ބޭރުކޮށްފައި އެހެން ގޮތެއް ހޯދަންޖެހޭ ކަމަށާއި ޖެއްސުން ކުރިޔަސް އޭއޭއޭ ގެ ކަންތައް ހުރީ ބޮޑުވަރު ހިސާބެއްގައި ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

ފްލައިން ސްކޫލްގެ ދަރިވަރުންގެ ކަންބޮޑުވުންތަކަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ހައްލެއް ހޯދައިދިނުމަށްވެސް ރޮޒެއިނާ ވަނީ ގޮވާލާފައެވެ.

"ތި މިނިސްޓްރީ ތެރެއިން މި މީހުންނަށް ވާގިވެރިވާ ފަރާތެއް ހުރެގެން ކަމަށް ވަނީ މި މީހުންގެ ކަންތައް މާ މައްޗަށް ގޮސްގެން މި އުޅެނީ" ރޮޒެއިނާ ވިދާޅުވިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީ އަށް މި މައްސަލަ ހައްލުކޮށްދެވެން ވާނެ ކަމަށާއި މިނިސްޓްރީ ތެރެއިން ފްލައިން ސްކޫލް ހިންގާ އޭއޭއޭ އަށް ވާގިވެރިވާ ބަޔަކަށް ފިޔަވަޅު އެޅުމަށް ވެސް ރޮޒެއިނާ ވަނީ ގޮވާލާފައެވެ.

ފްލައިން ސްކޫލްގައި ހުރި މައްސަލަތައް މީޑިއާ އިންނާއި ސޯޝަލް މީޑިއާގެ ޒަރިއްޔާ އިން ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައިވީ ނަމަވެސް އެ މައްސަލަތަކަށް އަދި މިހާތަނަށް އެއްވެސް ހައްލެއް އައިސްފައެއް ނުވެއެވެ. އޭގެ ބަދަލުގައި ދަރިވަރުންނަށް ކުރިމަތިކުރުވާ ފިއްތުންތައް އަންނަނީ ދުވަހަކަށް ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންނެވެ.

އެގޮތުން މިހާތަނަށް 20 އަށްވުރެ ގިނަ ދަރިވަރުން އެ ސްކޫލުން ވަކިކޮށްފައިވާއިރު، އެކި ދުވަސްމަތިން ދަރިވަރުންނަށް އަންނަނީ ވަކި މުއްދަތެއްގެ ތެރޭގައި ކޯސް ނިންމަންޖެހޭނެ ކަމަށް ބުނެ އިންޒާރުގެ މެއިލްތައް ވެސް ލިބެމުންނެވެ. މީގެއިތުރުން ސަރުކާރުގެ ވުޒާރާތަކުން އަންގާ އެންގުންތަކަށް ވެސް އޭއޭއޭ އިން އަންނަނީ ގޮންޖަހަމުންނެވެ.