Last Updated: June 15, 18:01
Sunday, June 15, 2025
ވިޔަފާރި

ބޯޑަރު ހުޅުވިފަހުން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 1 ލައްކައަށް

އެއް ލައްކަ ވަނަ ފަތުރުވެރިޔާ - ފޮޓޯ: ވިޒިޓް މޯލްޑިވްސް

ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ހުޅުވި ފަހުން ރާއްޖެ ޒިޔާރަތްކުރި އެއް ލައްކަ ވަނަ ފަތުރުވެރިޔާ އަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

އެއް ލައްކަވަނަ ފަތުރުވެރިޔާ އަށް މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔާފައިވާއިރު އޭނާ އަކީ ސްވިޒަލޭންޑްގެ ފަތުރުވެރިއެކެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. އަލުން ބޯޑަރު ހުޅުވާލީ މިދިޔަ މަހުގެ 15 ދުވަހު އެވެ. ސަރުކާރުގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން ރާއްޖެ އަށް އެއް ލައްކަ ފަތުރުވެރިން ގެނައުމެވެ.

އަދި ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ޖުމްލަ ފަތުރުވެރިންގެ ޢަދަދު 5 ލައްކައަށް އެރުވުމަށެވެ.

ބޯޑަރު ހުޅުވިފަހުން ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާ އިންނެވެ. އެގޮތުން ރަޝިއާއިން 20،000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މީގެ އިތުރުން އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން އައި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމުތަކަކީ އިނގިރޭސިވިލާތް، އެމެރިކާ، ޔޫއޭއީގެ އިތުރުން ޖަރމަނީ، ޔޫކްރެއިން، ފްރާންސް، ސްޕެއިން އަދި ބްރެޒިލްއެވެ.