Last Updated: June 15, 18:01
Sunday, June 15, 2025
ދުނިޔެ

ސުޕްރީމް ކޯޓުން ވެސް ޓްރަމްޕަށް ނާކާމިޔާބު

އެމެރިކާގައި މިދިޔަ މަހުގެ ކުރީކޮޅު ބޭއްވި ރިޔާސީ އިންތިހާބުގެ ހަތަރު ސްޓޭޓެއްގެ ނަތީޖާ ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަދަދާއެކު ޓެކްސަސްގެ އެޓާނީ ޖެނެރަލް ސުޕްރީމް ކޯޓަށް ވެއްދީ ޖޯޖިއާ، މިޝިގަން، ޕެންސިލްވޭނިއާ އަދި ވިސްކޮންސިންގެ ނަތީޖާ ބާތިލުކުރުމަށެވެ. އެ ހަތަރު ސްޓޭޓުން ވެސް ކުރި ހޯއްދެވީ އިންތިހާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑެން އެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ވެއްދީ 18 ސްޓޭޓް އެޓާނީންނާއި އެމެރިކާގެ ކޮންގްރެސްގައި ރިޕަބްލިކަން ޕާޓީ ތަމްސީލުކުރައްވާ 108 މެމްބަރުންގެ ތާއީދާ ވެސް އެކުއެވެ.

މި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުގައި ބުނީ އެ ސްޓޭޓްތަކުގެ އިންތިހާބީ ނަތީޖާއާ ގުޅޭގޮތުން މައްސަލައެއް ކޯޓަށް ވެއްދުމުގެ ގާނޫނީ އެއްވެސް ބާރެއް ޓެކްސަސް އަށް ލިިބިފައި ނުވާ ކަމަށެވެ.

ސުޕްރީމް ކޯޓުން އިންތިހާބުގެ ނަތީޖާއާ ގުޅޭގޮތުން ރަނގަޅު ގޮތެއް ނިންމާނެ ކަމަށް ޓްރަމްޕާއި އޭނާގެ ސަޕޯޓަރުން އުއްމީދުކުރި ނަމަވެސް މި ނިންމުމާއެކު އެ އުއްމީދުތައް މިހާރު ވަނީ ފެނަށް ވެގެން ގޮސްފައެވެ.

އެމެރިކާގެ އިންތިހާބުގެ ނަތީޖާ ކަނޑައަޅާނީ އިލެކްޓޯރަލް ކޮލެޖް ވޯޓުން ކަމަށްވާއިރު، އިންތިހާބު ކާމިޔާބު ކުރެއްވި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ބައިޑެން ވަނީ 306 އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯއްދަވާފައެވެ. ޓްރަމްޕަށް ލިބިވަޑައިގެންނެވީ 232 ވޯޓެވެ.

ޓްރަމްޕަކީ 1992 ވަނަ އަހަރަށްފަހު ދެވަނަ ދައުރެއް ލިބިވަޑައިނުގެން ވެރިކަމާއި ދުރަށް ވަޑައިގަންނަވާ ފުރަތަމަ ބޭފުޅާއެވެ. އެންމެފަހުން ދެވަނަ ދައުރެއް ލިބިވަޑައިނުގެން ވެރިކަމުން ދުރަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީ ޖޯޖް ބުޝް އެވެ.

އުމުރުފުޅުން 77 އަހަރުގެ ބައިޑެން އަކީ އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވި 46 ވަނަ ރައީސް އެވެ.