އިއާދަކުރަނިވި ހަކަތައިގެ ބޮޑު މަޝްރޫޢުއެއް ރާއްޖޭގައި ހިންގުމަށް ވޯލްޑްބޭންކުގެ ބޯޑުން ފާސްކޮށްފިއެވެ.
އެގޮތުން އިއްޔެ ވޯލްޑްބޭންކުގެ އެގްޒެކްޓިވް ބޯޑުން ފާސްކުރީ އެކްސަލރޭޓިންގ ރިނިއުވަބަލް އެނަރޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ (އެރައިޒް) މަޝްރޫއެކެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ ޖުމްލަ 107.4 މިލިއަން ޑޮލަރުގެ އެރައިޒް މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ޕްރައިވެޓް ސެކްޓަރ މެދުވެރިކޮށް ރާއްޖޭގައި ބޭނުން ކުރެވޭ އިއާދަކުރަނިވި ހަކަތައިގެ މިންވަރު އިތުރުކުރުމާއި، އިއާދަކުރަނިވި ހަކަތަ ގްރިޑަށް ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ބޭނުންވާނެ ބެޓެރީ އެނާރޖީ ސްޓޯރޭޖް ސިސްޓަމްތައް ޤާއިމުކުރުމާއި، ރަށްތަކުގެ ކަރަންޓު ވިއުގަތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުން ކަމަށެވެ.
މި މަޝްރޫޢަށް ލިބިފައިވާ 107.4 މިލިއަން ޑޮލަރުގެ ތެރެއިން ވޯލްޑްބޭންކުގެ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އޭޖެންސީ (އައިޑާ) އިން ދެނީ 12.4 މިލިއަން ޑޮލަރުގެ ހިލޭ އެހީއެވެ. އަދި އެހެން ކޯ-ފައިނޭންސިން އެޖެންސީސްތަކުގެ ތެރެއިން ކްލީން ޓެކްނޮލޮޖީ ފަންޑް (ސީ.ޓީ.އެފް) އިން 30 މިލިއަން ޑޮލަރު ލޯނު އަދި ހިލޭ އެހީ މި މަޝްރޫއަށް ހަމަޖެހިފައިވެއެވެ.
ސީ. ޓީ. އެފްގެ 30 މިލިއަން ޑޮލަރުގެ ތެރެއިން 7 މިލިއަން ޑޮލަރަކީ ހިލޭ އެހީގެ ގޮތުގައި ހަމަޖެހިފައިވާ ފައިސާއެވެ. އަދި މީގެ އިތުރުން، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) އިން 20 މިލިއަން ޑޮލަރު ވަނީ ލޯނު އެހީގެ ގޮތުގައި ހަމަޖެހިފައެވެ. މި މަޝްރޫޢުގެ މުޅި ޖުމްލައިގެ ތެރެއިން، ޕްރައިވެޓް ސެކްޓަރ މެދުވެރިކޮށް 45 މިލިއަން ޑޮލަރު ލިބޭނީ ޕްރައިވެޓް އިންވެސްޓްމަންޓްތަކުގެ ގޮތުގައެވެ.
މި މަޝްރޫޢު ހިންގާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން، ސަރުކާރު ހިއްސާވާ ކަރަންޓް އުފައްދާ ކުންފުނިތަކާއި ގުޅިގެންނެވެ.
އެރައިޒް މަޝްރޫޢުގެ މަސައްކަތްތައް 4 ކޮމްޕޯނަންޓަކަށް ބެހިފައިވެއެވެ. މިގޮތުން، ފުރަތަމަ ކޮމްޕޯނެންޓް އިން މަސައްކަތް ކުރެވިގެންދާނީ ސޯލަރ ހަކަތައިގެ ދާއިރާއަށް އިންވެސްޓް ކުރާ ފަރާތްތަކަށް ބޭނުންވާ މާލީ ރައްކާތެރިކަމާއި ޔަޤީންކަން ފޯރުކޮށްދީ، މިދާއިރާއިން ރާއްޖޭގައި އިންވެސްޓް ކުރާ ފަރާތްތައް އިތުރުކުރުމަށެވެ.
ދެވަނަ ކޮމްޕޯނެންޓްގެ ތެރެއިން، މި މަޝްރޫޢުގެ ދަށުން ސޯލާ ޕީވި ހަރުކުރެވޭ ރަށްތައް ހިމެނޭ ގޮތަށް، ކަރަންޓު ވިއުގައަށް އިއާދަކުރަނިވި ހަކަތަ ފޯރޮކޮށްދެވޭ ނިސްބަތް އިތުރު ކުރުމުގެ ގޮތުން އެކަމަށް ބޭނުންވާ ބެޓަރީ އެނޭރޖީ ސްޓޯރޭޖް ސިސްޓަމްތައް މި މަޝްރޫޢޫގެ ދަށުން ޤާއިމްކުރެވިގެން ދާނެއެވެ. އަދި ތިންވަނަ ކޮމްޕޮނެންޓް ޚާއްސަކުރެވިފައި ވަނީ އިޢާދަކުރަނިވި ހަކަތަ ކަރަންޓު ވިއުގައާއި ގުޅުވާލުމުގައި ހުރި ދަތިތައް ފިލުވުމަށްޓަކައި، ރަށްރަށުގެ ކަރަންޓު ނިޒާމުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް، އެކަށީގެންވާ ގޮތަށް ބޭނުންކުރެވޭނެފަދަ އިންފްރާސްޓްރަކްޗަރ ގާއިމުކުރުމަށެވެ.
މި މަޝްރޫޢުގެ ހަތަރުވަނަ ކޮމްޕޯނަންޓް ގެ ދަށުން، ހަކަތައިގެ ދާއިރާއަށް އަންނަ ޒަމާނީ ބަދަލުތަކަށް ރާއްޖޭގެ ހަކަތަ އާއި ގުޅޭ މުއައްސަސާތައް އަހުލުވެރިކޮށް، އެ ފަރާތްތަކުގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ތަމްރީނު ހިންގުމާއި، ރެގިއުލޭޓަރީ ކަންކަން ރަނގަޅު ކުރުމާއި ގުޅޭ ކަންތައްތައް މި މަޝްރޫޢުން ކުރެވިގެންދާނެއެވެ.
އެރައިޒް މަޝްރޫޢު ހިންގާނީ ފިޔަވަހިތަކަކަށް ބަހާލައިގެން، ކޮންމެ ފިޔަވައްސަކަށް ސަބް-ޕްރޮޖެކްޓެއް އެކުލަވާލެވިގެންނެވެ. މިގޮތުން، މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 21 މެގަވޮޓްގެ ސޯލާރ ޕީވީ ސިސްޓަމް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްގެންދެވޭނީ ރާއްޖޭގެ 6 ސަރަޙައްދެއްގައެވެ. އެރަށްތަކަކީ އައްޑޫ ސިޓީ (ހިތަދޫ، ހުޅުދޫ މީދޫ، ފޭދޫ އަދި މަރަދޫ)، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، ގދ. ތިނަދޫ، ބ. އޭދަފުށި އަދި ޅ. ހިންނަވަރެވެ.
މިފިޔަވަހީގައި 2 ލޮޓެއް ހިމެނިފައިވާއިރު، ޖުމަލް 10 މެގަވޮޓް ހިމެނިފައިވަނީ ފްލޯޓިންގ ސޯލާރ (މޫދު ސޯލަރ) ގެ ނިޒާމެއް ޢާއިމްކުރުމަށެވެ. އަދި ބާކީ 11 މެގަވޮކީ ބިމުގައާއި ޢިމާރާތްތަކުގެ ފުރާޅުތަކުގައި ޤާއިމުކުރާ ސޯލާ ޕީވީގެ ނިޒާމެވެ. މި 6 ސަރަހައްދުގައި ޤާއިމްކުރެވޭ ސޯލާރ ޕީވީގެ ނިޒާމުތަކުން ރަށްތަކުގެ ޕީކް ޑީމާންޑުގެ (ދުވާލު ގަޑީގައި އެންމެ ގިނައިން ކަރަންޓް ބޭނުންކުރާ އަދަދުގެ) %70 އިންސައްތައިގެ ކަރަންޓް އުފެއްދޭނެއެވެ. މި ފިޔަވަހި ނިމުމުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 9 މިލިއަން ލީޓަރު (ގާތްގަނޑަކަށް 49،000 ފީފާ) ގެ ޑީސަލް ސަލާމަތްވެގެންދާނެއެވެ.
އެރައިޒް މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހޮވާލެވިފައިވާ އާބާދީ ބޮޑެތި ރަށްތަކުގައި ޤާއިމްކުރާ 21 މެގަވޮޓްގެ ސޯލަރ ޕީވީގެ ޕްރިކޮލިފިކޭޝަން އަށް އިއުލާންކުރެވި މިހާރު ކުރިއަށްދަނީ ޝައުޤުވެރިކަން ފާޅުކުރި ފަރާތްތައް ކޮލިފައިވޭތޯ ބެލުމުގެ މަރުހަލާ ކަމަށް މިނިސްޓްރީން ބުނެއެވެ.
ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށްޓަކައި ބޮޑު އަހަންމިއްޔަތުކަމެއް ދީފައިވެއެވެ.