ރާއްޖެއިން ޗައިނާ އިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ދެ އަހަރަށް ފަސްކޮށްދޭން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައިފިއެވެ.
ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަރަންޏާ ގުޅޭގޮތުން، ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ދެއްވާ އިސްކަމަށް ޝުކުރު އަދާކުރައްވާ ކަމަށާއި ރާއްޖެއާއި ޗައިނާއާ އޮތް ގުޅުމުގެ އަގު ވަޒަން ކުރައްވާ ކަމަށެވެ.
ނަމަވެސް ދަރަނީގެ މައްސަލައިގައި އެންމެ ފަހު ވަގުތާ ޖެހެންދެން މަޑުނުކޮށް މި މައްސަލަ އަށް ހައްލެއް ގެންނަން މަސައްކަތް ކުރެއްވުމަށް ނަޝީދު ވަނީ ޗައިނާ ސަފީރަށް ގޮވާލައްވާފައެވެ.
"ރާއްޖެއަށް އިތުރު ދެ އަހަރުގެ ގްރޭސް ޕީރިއަޑެއް ބޭނުންވޭ. އެހެން ނޫނީ މި ލޯނުތައް އަނބުރާ ނުދެއްކޭނެ" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިއްޔެ ވަނީ ކުރިއަށް އޮތް 14 ދުވަސްތެރޭ ރާއްޖެ އިން ޗައިނާގެ ބޭންކުތަކަށް 15 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށް ވިދާޅުވެ ވެސް ޓްވީޓެއް ކުރައްވާފައެވެ. ނަމަވެސް ނަޝީދުގެ އެ ވާހަކަތައް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖަންގް ލީ ޖޮންގް ވަނީ ދޮގު ކުރައްވާފައެވެ.
ދަރަނީގެ މައްސަލައިގައި މީގެކުރިން ވެސް ނަޝީދާއި ޗައިނާ ސަފީރު ބަހުގެ ހަމަލާތަކެއް ބަދަލުކުރައްވާފައިވެއެވެ. އެގޮތުން މާމަގެ ފައްޓަރުބައި ވިއްކާލާފައި ވެސް ރާއްޖެ އިން ޗައިނާ އަށް އަދާކުރަންޖެހޭ ދަރަނިތައް އަދާނުކުރެވޭނެ ކަމަށްވެސް ނަޝީދު މީގެކުރިން ވިދާޅުވެފައިވެއެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވަމުން ޗައިނާ ސަފީރު ވަނީ މާމަގެ ފައްޓަރުބަޔަކީ އަގުހުރި އެއްޗެއް ކަމަށް ގަބޫލުކުރާ ކަމަށާއި ނަމަވެސް އެއީ އަގެއް ނެތި ލިބޭނެ އެއްޗެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ޗައިނާ އިން އިހުތިޔާރު ކުރީ އެކުވެރިކަން ކަމަށާއި އެއީ އަގު ނުކުރެވޭނެ ވަރުގެ ކަމެއް ކަމަށް ސަފީރު ވިދާޅުވިއެވެ.
ރާއްޖެއިން ޗައިނާ އަށް ދައްކަން ޖެހޭ ބައެއް ލޯނުތައް ފަސްކޮށްދީފައިވާ ކަމަށް ރައީސް އޮފީހުން ދާދިފަހުން ވަނީ ބުނެފައެވެ.