Last Updated: June 15, 18:01
Sunday, June 15, 2025
ވިޔަފާރި

އެކްސްޕޯޓު، އިމްޕޯޓު އަދި ދައުލަތަށް ލިބުނު އާމްދަނީ ވެސް ދަށަށް

އެމްޕީއެލް ބަނދަރު ސަރަހައްދު ފޮޓޯ: އެމްޕީއެލް

މިދިޔަ ނޮވެމްބަރު މަހު ރާއްޖެއަށް އެތެރެ ކުރި މުދަލާއި ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރި މުދަލުގެ އަގުގެ އިތުރުން ދައުލަތަށް ލިބުނު އާމްދަނީ ވެސް ދަށަށް ހިނގައްޖެއެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު މިދިޔަ ނޮވެމްބަރު މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެ އަށް 4.3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާ އިރު މި އަހަރުގެ ނޮވެމްބަރު މަހު އެ އަދަދު ވަނީ 2.1 ބިލިއަން ރުފިޔާއަށް ވަނީ ދަށްވެފައެވެ. މިއީ 52 ޕަސެންޓުގެ ދަށްވުމެކެވެ.

މިދިޔަ މަހު އެންމެ ގިނައިން ރާއްޖެ އަށް މުދާ އެތެރެކޮށްފައިވަނީ ޗައިނާ އިންނެވެ. އެގޮތުން އިމްޕޯޓް ކުރި މުދަލުގެ 13 ޕަސެންޓަކީ އެ ގައުމުން އެތެރެކުރި މުދަލެވެ. ދެން އެންމެ ގިނައިން މުދާ އިމްޕޯޓުކޮށްފައިވަނީ އިންޑިޔާ ސިންގަޕޫރުންނެވެ.

މިދިޔަ މަހު ރާއްޖެ އިން އެކްސްޕޯޓް ކުރި މިންވަރު ވެސް ދަށްވެފައިވާއިރު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 417 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އިން އެކްސްޕޯޓްކޮށްފައވާއިރު މި އަހަރު އެ އަދަދު ވަނީ 224 މިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 46 ޕަސެންޓުގެ ދަށްވުމެކެވެ.

މިދިޔަ މަހު ރާއްޖެ އިން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ފްރާންސަށެވެ. އެގޮތުން ރާއްޖެ އިން މިދިޔަ މަހު އެކްސްޕޯޓް ކުރި މުދަލުގެ 17 ޕަސެންޓް ބޭރުކޮށްފައިވަނީ އެ ގައުމަށެވެ.

މިދިޔަ މަހު ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 33 ޕަސެންޓަށް ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އާމްދަނީގެ ގޮތުގައި 303 މިލިއަން ރުފިޔާ ލިބުނުއިރު މިއަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 204 މިލިއަން ރުފިޔާއެވެ.