Last Updated: June 15, 18:01
Sunday, June 15, 2025
ޚަބަރު

ކުޅުދުއްފުށީ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ނިމިއްޖެ

ހދ. ކުޅުދުއްފުށީ ބަނދަރު ފުޅާކޮށް ބޮޑުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މި މަސައްކަތް ނިމިފައިވަނީ މި މަހުގެ 10 ވަނަ ދުވަހު ކަމަށާއި މި މަޝްރޫއު އަށް 137.6 މިލިއަން ރުފިޔާ ހޭދަވި ކަމަށެވެ.

މި މަޝްރޫއުގެ ދަށުން މުދާ އުފުލުމާއި ދަތުރުވެރިންނަށް ހާއްސަ ބަނދަރެއް ހަދާ އާ ނެރެއް ކަނޑާފައިވާއިރު، ކުދި އުޅަނދު ފަހަރަށް ޖެޓީތަކެއް ހެދުމާއި މުދާ އުފުލާ ބޭލުމަށް ރޭމްޕެއް ވެސް ހަދާފައިވެއެވެ.

މީގެ އިތުރުން ކުޅުދުއްފުށީ ބަނދަރުގައި ފެރީޓާމިނަލެއް އިމާރާތް ކުރުމާއި، ފެރީ އޮޕަރޭޓްކުރާ ފަރާތްތަކަށް ޓިކެޓް ކައުންޓަރުތައް ހެދުމާއި، އޮފީސްތަކާއި ރީޓެއިލް ފިހާރަތަކާއި ނަމާދުކުރާތަނެއް އަދި ކޮންވޭނިއަންސް ސްޓޯރު ކެފޭއާއި މައިންނަށް ހާއްސަ ސަރަހައްދެއް ވެސް މި މަޝްރޫއުގެ ދަށުން ވަނީ ތަރައްގީކޮށްފައެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ތެރެއިން މަސް މާރުކޭޓެއް ހެދުމާއި މަސްކެނޑާތަނެއް ހެދުމާއި މަސްވެރިނަށް ފާހާނާއާއި ފެންވެރޭނެ އިންތިޒާމު ހަމަޖެއްސުމާއި ސްޓޯރާއި ފައިސާ ކައުންޓަރުތައްވެސް ގާއިމުކޮށްފައިވެއެވެ. އަދި ކުދި އުޅަނދު ފަހަރު ބޭނުންކުރުމަށާއި މޫދު ކުޅިވަރުތައް ކުޅުމަށް ވޯޓަރ ފްރަންޓް ޒޯނެއް ވެސް ވަނީ ތަރައްގީކޮށްފައެވެ.