Last Updated: June 15, 18:01
Sunday, June 15, 2025
ޚަބަރު

ފްލައިން ސްކޫލުން ޑޮލަރުން ފީ ނަގާ މައްސަލަ ތަހުގީގު ކުރަން ފަށައިފި

އައްޑޫ ފްލައިން ސްކޫލްގެ ބޯޓުތަކެއް

އައްޑޫ ސިޓީ ގަމުގައި ހުންނަ ފްލައިން ސްކޫލުން ދަރިވަރުންގެ އަތުން ޑޮލަރުން ފީ ނަގާ މައްސަލަ ތަހުގީގު ކުރަން ފުލުހުން ފަށައިފިއެވެ.

ފުލުހުންގެ އޮފިޝަލަކު "އައްޑޫލައިވް" އަށް މައުލޫމާތުދެމުން މިއަދު ބުނީ އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުންގެ އަތުން ޑޮލަރުން ފީ ނަގާ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލަ ތަހުގީގު ކުރަން ފުލުހުންނަށް ހުށަހެޅީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުންނެވެ. ފުލުހުންގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވެސް މި މައްސަލަ މިނިސްޓްރީން ވަނީ ހުށަހަޅާފައެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފްލައިން ސްކޫލަށް ފިޔަވަޅު އަޅަން އަދި އެތަނުގައި ހުރި މައްސަލަތައް ހައްލުކުރަން އަންގައި މިދިޔަ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހު ނެރުނު ބަޔާނުގައި ވެސް ވަނީ ދަރިވަރުންގެ އަތުން ޑޮލަރުން ފީ ނުނަގަން ސްކޫލަށް އަންގާފައެވެ.

ނަމަވެސް އެ އެންގުމަށް އަމަލުކުރަން ފްލައިން ސްކޫލުން ދެކޮޅު ހަދަމުންދާއިރު، އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުންގެ ޔޫނިއަނުން ބުނީ ފްލައިން ސްކޫލް ހިންގާ ސްރީ ލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެރޮނޯޓިކްސްގެ (އޭއޭއޭ) އިންވޮއިސްތަކަށް ޑޮލަރު ދޫނުކުރާނެކަން މެނޭޖްމެންޓަށް އަންގާފައިވާ ކަމަށް ބީއެމްއެލް އިން މައުލޫމާތުދޭ ކަމަށެވެ.

އަދި އެކަމާ ގުޅިގެން ދަރިވަރުންގެ ކަންބޮޑުވުންތައް ސްކޫލާއި ވެސް ހިއްސާކޮށް ރުފިޔާ އިން ފީ ބަލައިގަންނާނެ އިންތިޒާމެއް ހަމަޖައްސައިދޭން އެދިފައިވާ ކަމަށްވެސް ޔޫނިއަނުން ބުނެއެވެ.

"އެ މެއިލްއަކަށް ޖަވާބެއް ވެސް ނުލިބޭ. އެކަމަކު ސްކޫލްގެ މެނޭޖްމެންޓުން ބައެއް ދަރިވަރުންގެ ގާތުގައި އަނގަ ބަހުން އެބަ ބުނޭ ރުފިޔާ އިން ފީ ބަލައިގަނެވެން ނެތް ކަމަށް. އަދި ރުފިޔާ އިން ފީ ބަލައިގަންނާނީ 19.40 ގެ ރޭޓުން ކަމަށްވެސް އެބަ ބުނޭ. އެއްވެސް ކުއްޖަކަށް ފީ ނުދެއްކޭ" ޔޫނިއަންގެ ދަރިވަރަކު ބުންޏެވެ.

ރާއްޖޭގެ މަނިޓަރީ ގަވާއިދު ބުނާގޮތުން ރާއްޖޭގައި ކުރާ ހުރިހާ ވިޔަފާރިއެއްގެ ހުރިހާ އެއްޗެއްގެ އަގާއި، މަސައްކަތުގެ އަގާއި، ފީ އާއި ކުލި ފަދަ ތަކެތީގެ އަގު އަދާކުރުމަށް ރާއްޖޭގެ ރުފިޔާ ފިޔަވައި، އެހެން ފައިސާއެއް ބޭނުން ކުރުމަކީ މަނާ ކަމެކެވެ.