Last Updated: June 16, 10:01
Monday, June 16, 2025
ޚަބަރު

ޑްރަގްސް އަކީ ތަރައްގީގައި ޒުވާނުންގެ ބައިވެރިވުން ނެތިކޮށްލާ އެއްޗެއް

ނައިބު ރައީސް ފައިސަލް ނަސީމް - ފޮޓޯ: ރައީސް އޮފީސް

ޤައުމީ ތަރައްޤީގައި ބައިވެރިވާ އުފެއްދުންތެރި ޒުވާނުންތަކެއް ބިނާކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އަދި ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭކަމެއް ކަމުގައި ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ އެޅުމަށް އައްޑޫ ސިޓީ ހުޅުމީދޫގައި މިއަދު މެންދުރުފަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޤައުމުގެ ކުރިއެރުމާއި ތަރައްޤީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއަކީ، ޤައުމީ ތަރައްޤީއަށް ބޭނުންވާ ޒުވާނުންގެ ބައިވެރިވުން ހީނަރުކޮށް، ނެތިކޮށްލާ ހުރަހެއް ކަމުގައެވެ.

އަދި، މި ނުރައްކާތެރި ވަބާގައި ޖެހިފައިވާ ޒުވާނުން އެ ކަމުން މިންޖުކޮށްދީ، އުފާވެރި ޢާއިލާއެއް ބިނާކުރުމުގެ ފުރުޞަތު ފަހިކޮށްދީ، އެ މީހުންނަކީ ވެސް މުޖުތަމަޢަށް ފައިދާކުރަނިވި ބަޔަކަށް ހެދުމަށް މަގު ތަނަވަސްކޮށްދޭން ޖެހިފައިވާ ކަމުގައެވެ.

މި ގޮތުން، މިއަދު ފަށްޓަވައިދެއްވި މަޝްރޫޢުގެ ދަށުން އަޅާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރާއެކު، މަސްތުވާތަކެތީގެ ވަބާއަށް ފަރުވާ ހޯދާ މީހުންނަށް އިތުރު ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

އަދި، އެ މަރުކަޒު ބިނާކުރުމުގެ މަސައްކަތް ނިމި ޚިދުމަތްދޭން ފެށުމުން ދެކުނުގެ އަތޮޅުތަކުގައި ކުށުގެ ވެށްޓަށް ހުށަހެޅޭ މީހުންގެ އަދަދު ދަށްވާނެކަމަށް އުންމީދު ކުރައްވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.