Last Updated: June 16, 09:49
Monday, June 16, 2025
ޚަބަރު

ވިހަގޭސްތައް މަދުކުރުމުގައި ރާއްޖެއިން ނަމޫނާ ދައްކާނެ: ރައީސް

ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ތަހަންމަލުކުރަންޖެހޭނެ ފަދަ ނާޒުކު ފައްތަރެއްގައިވާ ޤައުމަކަށް ވުމާއެކު، ޖައްވަށް ބޭރުކުރާ ވިހަގޭސްތައް މަދުކުރުމުގައި ރާއްޖެއަކީ ނަމޫނާ މަސައްކަތްތަކެއްކުރާ ޤައުމަކަށް ހެދުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަރުވައިފިއެވެ.

ރައީސް މިހެން ވިދާޅުވީ ޕެރިސް އެއްބަސްވުމަށް ފަސްވަނަ އަހަރުފުރުން ފާހަގަކުރުމަށް އ.ދ އިން އޮންލައިންކޮށް ބޭއްވެވި ކްލައިމެޓް އެމްބިޝަން ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ސަމިޓަކީ މޫސުމީ ބަދަލުތައް ކުޑަކުރުމުގެ ގޮތުން ޖައްވަށް ބޭރުކުރާ ވިހަ ގޭސް މަދުކުރުމުގެ ގޮތުން، ޤައުމުތަކުން ނިންމަވާފައިވާ މުހިންމު ނިންމެވުންތަކާއި އަދި މިކަމާ ގުޅޭގޮތުން އެކުލަވާލާފައިވާ މުސްތަޤްބަލުގެ ތަސައްވުރުތައް އެއް ތަނެއްގައި ޙިއްޞާކުރުމަށް ފުރުޞަތުފަހިވެގެންދާނެ ސަމިޓެކެވެ.

މި ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއިން އޮތީ މޫސުމީ ކަންކަމަށް އަންނަބަދަލުތައް ދެނެގަނެ އެކަން ކުޑަކުރުމަށް ކުރާމަސައްކަތުގައި ކުރިމަތިވާނެ ދަތިތަކާއި ކުރިމަތިލުމަށް ފުރިހަމަ ތައްޔާރުވެގެންކަމުގައި ވިދާޅުފައެވެ. އަދި އެހެން ޤައުމުތަކާއި ހިލާފަށް ރާއްޖެއަކީ މިހާރުވެސް މޫސުމީ ބަދަލުތަކުގެ ސަބަބުން ނޭދެވޭ އަސަރުތައް ކުރަމުންދާ ޤައުމަކަށްވާތީ އެކަންކަން ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުއެޅުއްވުމަށް ރާއްޖެއަށް ވަނީ މަޖުބޫވެފައިކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގައި މީހާރު ހުރި ވަޞީލަތްތައް ބޭނުންކޮށްގެން 2030 ވަނަ އަހަރުގެ ނިޔަލަށް، ޖައްވު ހޫނުކުރާ ވިހަގޭސްތައް ރާއްޖޭގައި ބޭނުންކުރާ މިންވަރުގެ ހަތަރުބައިކުޅަ އެއްބައި ނައްތާލެވޭނެކަމުގައި ވިދާޅުވިއެވެ. އަދި މިއީ ރަނގަޅު ފެށުމެއްކަމުގައި ދެކިގެން މުސްތަޤްބަލުގައި މިއަށްވުރެ ބޮޑު ތަސައްވަރަކާއިއެކު މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ އަރުވާފައެވެ.

ކްލައިމެޓް އެމްބިޝަން ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ބޭރުގެ ޤައުމުތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިއްޖެނަމަ ރާއްޖެއަށް ގާތްގަނޑަކަށް 2030 ވަނަ އަހަރު "ނެޓް ޒީރޯ" އާއި ހަމައަށް ވާޞިލުވެވިދާނެކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ ލަނޑުދަނޑިއެއް ޙާޞިލުކުރާއިރު ބޭރުގެ ފަރާތްތަކުން މީގެ ކުރިން ރާއްޖެފަދަ ޤައުމުތަކަށް ދެއްވުމަށް ކަނޑައަޅާފައިވާ ފަންނީ އަދި މާލީ އެހީތެރިކަން ބޭނުންވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމުގައި ރާއްޖެއިން ކުރެވެންހުރި މަސައްކަތްތައް ކުރަމުގެންދާނެކަން ހާމަކުރައްވައި އެހެން ޤައުމުތަކުންވެސް މިކަމުގައި އެ ޤައުމުތަކުން އަދާކުރަންޖެހޭ ޒިންމާ ފުރިހަމައަށް އަދާކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ހުރިހާ ޤައުމަތައް ގުޅިގެން މަސައްކަތްކޮށްގެން ނޫނީ ދުނިޔެ ހޫނުވަމުންދާ މިންވަރު މައްޗަށް ނުގޮސް ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައި ނުހިފެހެއްޓޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.