ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ފެށުމުގެ ހުއްދަ އެޗްޕީއޭ އިން މި ހަފްތާގައި ދެއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އިންތިހާބާ ގުޅޭގޮތުން "ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގައި ޝަރީފް ވިދާޅުވީ މިހަފްތާގައި އިންތިޚާބު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ފެށުމުގެ ހުއްދަ ލިބޭނެކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދެއްވާފައިވާ ކަމަށެވެ.
"މިހާރު އެޗްޕީއޭގެ ފަރާތުން ނުރަސްމީކޮށް އަޅުގަނޑުމެންނަށް ދެއްވާފައިވާ މަޢުލޫމާތަކީ ކަނޑައެޅިފައިވާ ތާރީޚްގެ ކުރިން އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ހުއްދަ ދެއްވާނެކަމަށް. އަދި އެޗްޕީއޭއިން ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށްފައި އޮތް އޮތުން ބާޠިލު ނުކުރިނަމަވެސް ޤާނޫނު ބުނޭ އެޗްޕީއޭއިން އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފިނަމަ މަސައްކަތް ކުރިއަށް ގެންދެވޭނެކަމަށް" ޝަރީފް ވިދާޅުވިއެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގައި މިދިޔަ މަހުގެ ފަހުކޮޅު ވާހަކަދައްކަވަމުން ޝަރީފް ވަނީ އަންނަ ޖެނުއަރީ 5 ގެ ކުރިން ލޯކަލް ކައުންސިލްތަކުގެ އިންތިޙާބުގެ ކަންކަން ކުރިއަށް ގެންދަން އެޗްޕީއޭ އިން ހުއްދަ ނުދީފިނަމަ އިންތިހާބު ނުބޭއްވޭނެ ކަމަށް ވިދާޅުވެފައެވެ. އިންތިހާބު ބޭއްވުމަށް އިލެކްޝަންސް އިން މަސައްކަތް ކުރަނީ އަންނަ މާޗު މަހުގެ ހަވަނަ ދުވަހުއެވެ.
އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނެތް ކަމަށް އިއުލާން ނުކުރި ނަމަވެސް އެންމެ ލަސްވެގެން މި މަހުގެ 15 ގައި އިންތިހާބުގެ ކަންކަން ކުރިއަށް ގެންދެވިދާނެ ކަމަށް އެޗްޕީއޭ އިން އިއުލާންކުރަންޖެހޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"އޭރުން ހަޔެއްގައި އަޅުގަނޑުމެންނަށް އިންތިހާބު ބޭއްވޭނީ" ޝަރީފް ވިދާޅުވިއެވެ.
ޑިސެމްބަރު 15 ގައި އެޗްޕީއޭ އިން އިންތިހާބުގެ ކަންކަން ކުރިއަށް ގެންދެވިދާނެ ކަމަށް އިއުލާންކުރުން މުހިއްމީ ވޯޓާސް ލިސްޓް އާންމު ކުރުމާއި، ކެމްޕެއިން ކުރުމަށް ކެންޑިޑޭޓުންނަށް ވަކި މުއްދަތެއް ދޭން ގާނޫނުގައި ބަޔާންކޮށްފައިވުމާއި އަދި އެ ނޫންވެސް ޑެޑްލައިންތަކަށް މަސައްކަތް ކުރަންޖެހޭތީ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"ބްރީތިން ސްޕޭސްލާފައި 15 ޑިސެމްބަރު މި ދެންނެވީ. އެކަމަކު ޖެނުއަރީ 5 ގެ ކުރިން އިއުލާން ނުކުރެވިއްޖެއްޔާ އިންތިހާބެއް ނުބޭއްވޭނެ ގާނޫނާ އެއްގޮތަކަށް" ޝަރީފް ވިދާޅުވިއެވެ.