އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލްގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅީ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް އުމަރެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އާދަމް ޝަރީފް ފޮނުއްވި ސިޓީގައި ފްލައިން ސްކޫލްގެ ދަރިވަރުންނަށް ކޯސް ނިންމުމުގައި ހުރި ދަތިތައް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ދެ އަހަރުގެ ތެރޭގައި ނިންމަން ޖެހޭ ކޯސް، ކިޔަވައި ނުދިނުމުގެ ސަބަބުން ދިގުލައިގެން ދިއުމާއި، ތަމްރީނު ނުދިނުމާއި، މަގުބޫލު ސަބަބަކާއި ނުލައި އެ ސްކޫލުން ދަރިވަރުން ވަކިކުރުމުގެ މައްސަލަ ހިމެނެއެވެ.
"ފްލައިން ސްކޫލްގައި ހިންގާ ކޯސްތަކަކީ ނުހަނު އަގު ބޮޑު ކޯސްތަކަކަށްވާ އިރު ޝެޑިއުލާ އެއްގޮތަށް ކޯހުގައި ކިޔަވައިނުދިނުމުގެ ސަބަބުން ބައެއް ދަރުވަރުން 4 އަހަރު ދުވަސް ހޭދަކުރަން ޖެހި އެތައް ހަރަދުތަކެއް ކުރަން ޖެހިފައިވާ ކަން ފާހަގަކުރެވެ އެވެ" ސިޓީގައިވެ އެވެ.
މިހެން ދިމާވުމުން، ސްޓޫޑެންޓް ލޯން ނަގައިގެން ކިޔަވާ ދަރިވަރުންނަށް ކުރިމަތިވާ މާލީ ގޮންޖެހުންތައް ވެސް ބޮޑު ކަމަށާއި ފްލައިން ސްކޫލުގެ ހާލަތު މިހާރު ހުރި ގޮތުން ދަރިވަރުންނަށް އެތަނުގައި ކޯސް ފުރިހަމަކުރެވޭނެ ކަމުގެ އުއްމީދު ވެސް ގެއްލިފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.
އެހެންކަމުން ފްލައިން ސްކޫލްގެ މައްސަލަތައް ގާތުން ބައްލަވައި، ދަރިވަރުންގެ ހައްގުތައް ނުގެއްލި، ދަރިވަރުންނަށް ކޯސް ފުރިހަމަ ކުރެވޭނެ ގޮތަށް ކަންކަން ތަރުތީބު ކުރުމަށް ޒިންމާވާންޖެހޭ ފަރާތްތައް ޒިންމާދާރު ކުރުވުމަށް މަޖިލީހުން މަސައްކަތްކޮށްދިނުމަށް އެ ސިޓީގައި ވަނީ އެދިފައެވެ.
ފްލައިން ސްކޫލްގައި ހުރި މައްސަލަތައް މީޑިއާ އިންނާއި ސޯޝަލް މީޑިއާގެ ޒަރިއްޔާ އިން ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައިވީ ނަމަވެސް އެ މައްސަލަތަކަށް އަދި މިހާތަނަށް އެއްވެސް ހައްލެއް އައިސްފައެއް ނުވެއެވެ. އޭގެ ބަދަލުގައި ދަރިވަރުންނަށް ކުރިމަތިކުރުވާ ފިއްތުންތައް އަންނަނީ ދުވަހަކަށް ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންނެވެ.
އެގޮތުން މިހާތަނަށް 20 އަށްވުރެ ގިނަ ދަރިވަރުން އެ ސްކޫލުން ވަކިކޮށްފައިވާއިރު، އެކި ދުވަސްމަތިން ދަރިވަރުންނަށް އަންނަނީ ވަކި މުއްދަތެއްގެ ތެރޭގައި ކޯސް ނިންމަންޖެހޭނެ ކަމަށް ބުނެ އިންޒާރުގެ މެއިލްތައް ވެސް ލިބެމުންނެވެ. މީގެއިތުރުން ސަރުކާރުގެ ވުޒާރާތަކުން އަންގާ އެންގުންތަކަށް ވެސް އޭއޭއޭ އިން އަންނަނީ ގޮންޖަހަމުންނެވެ.