ކޮވިޑް-19 ގައި ސްރީލަންކާ އިން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލުމަށް ދިވެހި ސަރުކާރުން ލަންކާ ސަރުކާރަށް ހުށަހަޅައިފިއެވެ.
ދިވެހި ސަރުކާރުން މިފަދަ ހުށަހެޅުމެއް ހުށަހަޅާފައިމިވަނީ ކޮވިޑްގައި ލަންކާ އިން މަރުވި 19 މުސްލިމުންގެ ހަށިގަނޑު އަންދާލަން އެގައުމުގެ ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް އެއީ އިސްލާމްދީނާއި ހިލާފު ކަމަކަށްވާތީ ލަންކާގެ މުސްލިމުން އަންނަނީ އެކަމާ ދެކޮޅު ހަދަމުންނެވެ.
ލަންކާގެ "ޑެއިލީ މިރާ" ނޫހުން ހާމަކޮށްފައިވާ ގޮތުގައި ކޮވިޑްގައި މަރުވާ ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލަން ދިވެހި ސަރުކާރުން ވަނީ ލަންކާގެ ފޮރިން މިނިސްޓްރީ އަށް ރަސްމީކޮށް ހުށަހެޅުމެއް ހުށަހަޅާފައެވެ. އެގޮތުން އެ ހުށަހެޅުމުގައި ކޮވިޑްގައި މަރުވާ މީހުން ވަޅުލާން ރާއްޖެއިން ރަށެއް ހަމަޖައްސާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފައިވާ ކަމަށްވެސް އެ ނޫހުގައި ބުނެފައިވެއެވެ.
ލަންކާގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ސާވިސަސް ޑރ. ހޭމަންތާ ހޭރަތު ވިދާޅުވީ ދިވެހި ސަރުކާރުގެ އެ ހުށަހެޅުމާއެކު އެކަން ކުރެވިދާނެ ގޮތުގެ އުސޫލުތަކެއް އެކުލަވާލަން ލަންކާގެ ފޮރިން މިނިސްޓްރީން އެގައުމުގެ ހެލްތު މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ.
އަދި ދިވެހި ސަރުކާރުގެ ހުށަހެޅުމާ ގުޅޭ ގޮތުން އެންމެފަހުގެ ނިންމުން ނިންމާނީ ފީޒިބިލިޓީ އަށް ބެލުމަށްފަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ލަންކާ އިން 29،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މި ބަލީގައި އެގައުމުން މިހާތަނަށް ވަނީ 140 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ.