Last Updated: June 16, 17:07
Monday, June 16, 2025
ޚަބަރު

ސަރުކާރުން އުޅެނީ ބަހަނާ ދައްކައިގެން އިންތިހާބު ފަސްކުރަން

އާދަމް ޝަރީފް އުމަރު-- ފޮޓޯ: މަޖިލިސް

ސަރުކާރުން އުޅެނީ ބަހަނާ ދައްކައިގެން ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިމިވަނީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރަން ޖާގަ ދިނުމަށާއި އެހެން ނޫންނަމަ ކެންޑިޑޭޓުން ކޯޓަށް ގޮސްގެން އިންތިހާބު ބާތިލުކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ ހަމަހަމަ ފުރުސަތު ހުރިހާ އެންމެންނަށް ލިބޭ ގޮތަށް، އިންސާފުވެރި އިންތިހާބެއް ބާއްވަން ފުރުސަތު ދިނުމުގެ ބަދަލުގައި ސަރުކާރުން ކަންކަން ކުރަނީ ބަހަނާ ދައްކައިގެން އިންތިހާބު ފަސްކުރުމަށް ކަމަށެވެ.

އަދި ކެންޑިޑޭޓުންގެ ހައްގުތައް ހިމާޔަތް ކުރަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކައުންސިލްގެ އިންތިހާބުގެ ކެމްޕޭނަށް އަތޮޅުތެރެއަށް ނުދެވޭ މައްސަލައިގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރާ މިދިޔަ ހަފްތާގައި ވަނީ ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުވުމަށްފަހު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ސަރުކާރު ހިންގާ އެމްޑީޕީގެ ބޭފުޅުންނަށް ކަރަންޓީނު ވުމެއް ނެތި ރަށްރަށަށް އެރޭނަމަ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހަމަހަމަ ފުރުސަތު އިދިކޮޅަށް ވެސް ލިބެންޖެހޭނެ ކަމަށެވެ.

އެގޮތުން އަތޮޅުތެރެއަށް ދާން ބޭނުންވާތީ އެޗްޕީއޭ އަށް ސިޓީއެއް ވެސް ފޮނުވާފައިވާނެ ކަމަށާއި އެގޮތުން މި ހަފްތާތެރޭގައި އެ ސިޓީ އަށް ޖަވާބެއް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.