މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުން އާބިޓްރޭޝަންގެ ހިދުމަތްތައް ރަސްމީކޮށް ފޯރުކޮށްދޭން ފަށައިފި އެވެ.
އެ ސެންޓަރުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ޤާނޫނު ނަންބަރު 10/2013 (އާބިޓްރޭޝަން ޤާނޫނު) ގެ ދަށުން އާބިޓްރޭޝަން ކަންކަމާ ގުޅުންހުރި ޚިދުމަތްތައް ރަސްމީކޮށް ފޯރުކޮށްދިނުމަށް އެ ސެންޓަރުގައި ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. އެގޮތުން ސެންޓަރުގެ ވެބްސައިޓް މެދުވެރިކޮށް މިހާރު މައްސަލަ ހުށަހެޅޭނެއެވެ.
އޭގެ އިތުރުން، ވާޗުއަލް ހިދުމަތްތަކާއެކު އެކު އާބިޓްރަލް ޕްރޮސީޑިން ކުރިއަށް ގެންދިއުމުގެ އިހްތިޔާރު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބޭނެ ކަމަށާއި ވަރޗުއަލް ޚިދުމަތްތައް ތައާރަފް ކުރުމާއެކު ވީހާވެސް ގިނަ ބަޔަކު ޚިދުމަތް ހޯދުމަށް މަގު ފަހިވެގެންދާނެ ކަމަށްވެސް އެ ސެންޓަރުން ބުނެއެވެ.
މި ސެންޓަރުގެ މަސައްކަތް އަމަލީ ގޮތުން ފަށާފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ. އޭގެ ފަހުން މިހާތަނަށް އައިއިރު، ތަޖުރިބާކާރު އާބިޓްރޭޓަރުންގެ ދަފްތަރެއް އެކުލަވާލައި، ކޭސް މެނޭޖްމަންޓް ޕޯޓަލްއެއް ޤާއިމު ކުރެވިފައިވާ ކަމަށް އެ ސެންޓަރުން މައުލޫމާތު ދެއެވެ.
އަދި މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ އާބިޓްރޭޝަންއާ ގުޅޭ ޤަވާއިދުތައްވެސް ޝާއިއު ކޮށްފައިވާކަން ސެންޓަރުން ފާހަގަ ކުރެއެވެ.