Last Updated: June 16, 17:17
Monday, June 16, 2025
ޚަބަރު

މުދަލު ޒަކާތުގެ ނިސާބު ބޮޑުކޮށްފި

ފިތްރު ޒަކާތް ދެއްކުމަށް ބަޔަކު އިސްލާމިކް މިނިސްޓަރުގައި ހުންނަ ކައުންޓަރު ކައިރީގައި --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މުދަލު ޒަކާތުގެ ނިސާބު އިސްލާމިކް މިނިސްޓްރީން ބޮޑުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 6961.50 ( ހަހާސް ނުވަސަތޭކަ ފަސްދޮޅަސް އެއްރުފިޔާ/ ފަންސާސް ލާރި) ކަމުގައި މިނިސްޓްރީ އިން ކަނޑައަޅާފައިވާ ކަމަށެވެ.

މިގޮތަށް ކަނޑައަޅާފައިވާއިރު މިދިޔަ އަހަރުން ފެށިގެން މި މަހުގެ 8 ވަނަ ދުވަހާ ހަމައަށް ނިޞާބުގެ ގޮތުގައި ކަނޑައަޅާފައިވަނީ 4950.40 ރުފިޔާ އެވެ.

ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެއެވެ. ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ ސެންޓްރަލް ބޭންކް އެމްއެމްއޭ އިންނެވެ.

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ރާއްޖެފަދަ ޤައުމުތަކުގައި ޒަކާތުގެ ނިޞާބު ކަނޑައަޅުމުގައި ފަޤީރުންނަށް އެންމެ ރަނގަޅު ގޮތަކީ ރިހީގެ އަގަށް ބިނާކޮށް ޒަކާތުގެ ނިޞާބު ކަނޑައެޅުމެވެ. ރިހީގެ ނިޞާބުގެ ގޮތުގައި ޢިލްމުވެރިން ކަނޑައަޅުއްވާފައިވާ ޢަދަދަކީ 595 ( ފަސްސަތޭކަ ނުވަދިހަ ފަހެއް) ގްރާމް ކަމުގައި ވާއިރު، ރިހި ގްރާމަކަށް މިހާރު ޖެހޭ ދިވެހި ފައިސާގެ މިންވަރަކީ 11.7 ( އެގާރަ ރުފިޔާ/ ހަތްދިހަ ލާރި) އެވެ.

ޒަކާތްދިނުމަކީ ދީނުގެ ފަރުޟުތަކުގެ ތެރެއިންވާ ފަރުޟެކެވެ. އަދި އިސްލާމްދީނުގެ ފަސްރުކުނުގެ ތެރެއިން ތިންވަނަ ރުކުނެވެ. ބަހުގެގޮތުން ޒަކާތަކީ ޠާހިރުކަމާއި، އިތުރުވެ ގިނަވުމެވެ. ޝަރުޢީ ގޮތުން ބަލާނަމަ، އެއީ، ކަނޑައެޅިފައިވާ ވަކި ބާވަތްތަކެއްގެ މުދަލަކުން ޝަރުޢީގޮތުން ނެރުން ވާޖިބުވާ މިންވަރެއް ނެރެ، ކަނޑައެޅިފައިވާ ވަކި ޚާއްޞަ ބަޔަކަށް ނުވަތަ ފަރާތަކާ ޙަވާލުކޮށްގެން ﷲ ތަޢާލާއަށް އަޅުވެތިވުމެވެ. އެހެންކަމުން ޒަކާތް ދެއްކުމުގެ ޝަރުޠު ފުރިހަމަވާ ކޮންމެ މުސްލިމަކު ޒަކާތް ދެއްކުމަކީ ވާޖިބެކެވެ.