Last Updated: June 16, 17:17
Monday, June 16, 2025
ޚަބަރު

ޓްރާންސްޕޯޓް މިނިސްޓްރީގެ ޕީއެސް އިސްތިއުފާ ދެއްވައިފި

ޓްރާންސްޕޯޓު މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ، ޢަބްދުﷲ ފަޔާޒް މަގާމުން އިސްތިއުފާދެއްވައިފިއެވެ.

ފަޔާޒު އެ މަގާމުން އިސްތިއުފާދެއްވާފައި ވަނީ ސަސްޕެންޑްކޮށްފައި ހުންނަވާތާ މަހަކަށް ވުރެ ގިނަ ދުވަސް ފަހުންނެވެ. ފަޔާޒު ސަސްޕެންޑް ކުރީ އޭނާއާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް ސިވިލް ސަރވިސް ކޮމިޝަން އަދި އޭސީސީ އަށް ހުށަހެޅިފައިވާތީ އެ މައްސަލަތައް ތަހުގީގުކޮށް ނިމެންދެންނެވެ.

ނަމަވެސް ފަޔާޒުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ވަނީ އޭނާ އަށް އަންގާފައެވެ.

ފަޔާޒު މަގާމުން އިސްތިއުފާ ދެއްވީ އިއްޔެ ކަމަށްވާއިރު، އޭނާގެ އިސްތިއުފާގެ ސިޓީގައި ވަނީ މަގާމުގެ ޒިންމާ އަދާކުރާނެ މާހައުލެއް ޓްރާންސްޕޯޓު މިނިސްޓްރީގައި މިހާރު ނެތް ކަމަށް ވިދާޅުވެފައެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ފަޔާޒް އައްޔަން ކޮށްފައިވަނީ އޭޕްރިލް 2019 ގައެވެ.