ވ. ރަކީދޫގައި އަނިޔާވެރިކޮށް މަރާލާފައިވާ ތިން އަހަރުގެ މުހައްމަދު އިބްތިހާލު މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ އެކުއްޖާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް މި މަސްތެރޭ ހުކުމް އިއްވަން ނިންމައިފިއެވެ.
އިބްތިހާލްގެ މަރުގެ މައްސަލައިގައި އާފިޔާގެ މައްޗަށް ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ދައުލަތުން ވަނީ އުފުލާފައެވެ.
މި މައްސަލައިގައި މިއަދު ހަމަޖައްސާފައި އޮތީ އާފިޔާގެ ގާނޫނީ ވަކީލުގެ ފަރާތުން ހުލާސާ ބަޔާން އިއްވުން ކަމަށްވީ ނަމަވެސް މިއަދުގެ އަޑުއެހުމަށް އައިއިރު އޭނާގެ ގާނޫނީ ވަކީލު ވަނީ ބަދަލުވެފައެވެ.
އެގޮތުން އާފިޔާގެ ގާނޫނީ ވަކީލު ވިދާޅުވީ، އޭނާ މިމައްސަލައާ ހަވާލުވީ މިމަހުގެ 9 ވަނަ ދުވަހު ކަމަށާއި މައްސަލާގައި ހިމެނޭ ލިޔެކިޔުންތައްވެސް ހަމައަށް އަދި ލިބިފައިނުވާތީ، ހުލާސާ ބަޔާން ހުށަހަޅަން 10 ދުވަހުގެ މުއްދަތެއް ދިނުމަށް އެދޭ ކަމަށެވެ.
އެކަމަށް ދައުލަތުން ދެކޮޅު ހަދާފައި ނުވާތީ މައްސަލަ ބައްލަވާ ގާޒީ ވަނީ މި މަހުގެ 26 ވަނަ ދުވަހު ބާއްވާ އަޑުއެހުމުގައި ހުލާސާ ބަޔާން އިއްވަން އަންގާފައެވެ. އަދި ހުލާސާ ބަޔާން އިއްވަން ދެން އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.
މީގެއިތުރުން މި މަހުގެ 28 ވަނަ ދުވަހު މި މައްސަލައިގެ ހުކުމް އިއްވާނެ ކަމަށްވެސް ގާޒީ ވަނީ ވިދާޅުވެފައެވެ.