Last Updated: April 24, 12:56
Wednesday, April 24, 2024
ކުޅިވަރު

ދެވަނަ ބުރުގައި ޕީއެސްޖީ އާއި ބާސެލޯނާގެ ކުރިމަތިލުމެއް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޕީއެސްޖީ އާއި ބާސެލޯނާ ބައްދަލުކުރަން ޖެހިއްޖެ އެވެ.

މިއީ 2016/17 ވަނަ ސީޒަނަށްފަހު މި މުބާރާތުގެ މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. މި މުބާރާތުގެ މި ދެ ޓީމު އެންމެފަހުން ވެސް ބައްދަލުކުރީ ދެވަނަ ބުރުގައި ކަމަށްވާއިރު އެފަހަރު ޕީއެސްޖީ ބަލިކޮށް ބާސާ ވަނީ އަނެއް ބުރަށް ދަތުރުކޮށްފައެވެ.

މީގެއިތުރުން މި މެޗު ވެގެންދާނީ ބާސާ ދޫކޮށްލިފަހުން އެ ކްލަބާ ދެކޮޅަށް ނޭމާ ނިކުންނަ ފުރަތަމަ މެޗަށެވެ.

މުބާރާތުގެ ދެވަނަ ބުރުގެ އެހެން މެޗުތަކަށް ބަލާއިރު ޗެލްސީ ބައްދަލުކުރަން ޖެހުނީ އެތްލެޓިކޯ މެޑްރިޑާއެވެ. ލިވަޕޫލް އާއި ރެޑްބުލް ލީޕްޒިގް ބައްދަލުކުރަން ޖެހުނުއިރު، ރެއާލް މެޑްރިޑް ނިކުންނާނީ އެޓަލާންޓާއާ ދެކޮޅަށެވެ. ބަޔާން މިއުނިކުން ލާޒިޔޯއާ ދެކޮޅަށް ނިކުންނައިރު، ޔުވެންޓަސް ބައްދަލުކުރާނީ ޕޯޓޯއާއެވެ.

މެންޗެސްޓަރ ސިޓީން ބްރޫޝިއާ މޮންޗެންގްލަޑްބަކް އާއި ބައްދަލުކުރާއިރު، ސެވިއްޔާ ނިކުންނާނީ ބްރޫޝިއާ ޑޯޓްމަންޑާއި ދެކޮޅަށެވެ.

މުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގެ މެޗުތައް ކުޅޭނީ އަންނަ ފެބްރުއަރީ މަހުގެ 16، 17، 23 އަދި 24 ވަނަ ދުވަހު އެވެ. ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ އަންނަ މާޗު މަހުގެ 9، 10، 16 އަދި 17 ގައެވެ.