Last Updated: June 16, 17:07
Monday, June 16, 2025
ޚަބަރު

ރާއްޖޭގެ ނިންމުމަކީ އަވަށްޓެރި މުސްލިމުންނަށް ދެވުނު ބޮޑު އެހީއެއް

ޑރ. މުހައްމަދު އިޔާޒް

ކޮވިޑް-19 ގައި ސްރީލަންކާ އިން މަރުވާ މުސްލިމުންނަށް އެހީވާން ދިވެހި ސަރުކާރުން ނިންމި ނިންމުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ތައުރީފުކޮށްފިއެވެ.

ކޮވިޑް-19 ގައި ލަންކާ އިން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލުމަށް ދިވެހި ސަރުކާރުން ލަންކާ ސަރުކާރަށް ހުށަހަޅާފައިވާ ކަމަށް ލަންކާގެ މީޑިޔާތަކުން މިއަދު ވަނީ ރިޕޯޓުކޮށްފައެވެ.

ދިވެހި ސަރުކާރުން މިފަދަ ހުށަހެޅުމެއް ހުށަހަޅާފައިމިވަނީ ކޮވިޑްގައި ލަންކާ އިން މަރުވި 19 މުސްލިމުންގެ ހަށިގަނޑު އަންދާލަން އެގައުމުގެ ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް އެއީ އިސްލާމްދީނާއި ހިލާފު ކަމަކަށްވާތީ ލަންކާގެ މުސްލިމުން އަންނަނީ އެކަމާ ދެކޮޅު ހަދަމުންނެވެ.

ޑރ. އިޔާޒް ވިދާޅުވީ، ލަންކާގައި ކޮވިޑް ބަލީގައި މަރުވާ މުސްލިމުންނާއި މެދު ވަރަށް އިހާނެތިކޮށް ކަންތައް ކުރެވުންދާ ކަމަށާއި، އެހެންކަމުން އެބައި މީހުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެއްވާ، އެއިހާނެތިކަމުން މުސްލިމުން ސަލާމަތް ކުރެއްވުމަށް ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށެވެ.

"މިއީ މުސްލިމު އަވަށްޓެރިންނަށް ދެވުނު ވަރަށް ބޮޑު އެހީތެރިކަމެއް" އިޔާޒު ވިދާޅުވިއެވެ.

ލަންކާގެ "ޑެއިލީ މިރާ" ނޫހުން ހާމަކޮށްފައިވާ ގޮތުގައި ކޮވިޑްގައި މަރުވާ ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލަން ދިވެހި ސަރުކާރުން ވަނީ ލަންކާގެ ފޮރިން މިނިސްޓްރީ އަށް ރަސްމީކޮށް ހުށަހެޅުމެއް ހުށަހަޅާފައެވެ. އެގޮތުން އެ ހުށަހެޅުމުގައި ކޮވިޑްގައި މަރުވާ މީހުން ވަޅުލާން ރާއްޖެއިން ރަށެއް ހަމަޖައްސާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފައިވާ ކަމަށްވެސް އެ ނޫހުގައި ބުނެފައިވެއެވެ.

ލަންކާގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ސާވިސަސް ޑރ. ހޭމަންތާ ހޭރަތު ވިދާޅުވީ ދިވެހި ސަރުކާރުގެ އެ ހުށަހެޅުމާއެކު އެކަން ކުރެވިދާނެ ގޮތުގެ އުސޫލުތަކެއް އެކުލަވާލަން ލަންކާގެ ފޮރިން މިނިސްޓްރީން އެގައުމުގެ ހެލްތު މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ.

އަދި ދިވެހި ސަރުކާރުގެ ހުށަހެޅުމާ ގުޅޭ ގޮތުން އެންމެފަހުގެ ނިންމުން ނިންމާނީ ފީޒިބިލިޓީ އަށް ބެލުމަށްފަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.