ސިފައިންގެ ވަޒީފާއަށް ވަނުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފިއެވެ.
ޑިފެންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ، ސިފައިންގެ ވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. ކުރިން އެ މުއްދަތު ހަމަވާން އޮތީ މި މަހުގެ 17 ގެ ނިޔަލަށެވެ.
ސިފައިންގެ ވަޒީފާ އަށް ވަނުމުގެ ޝަރުތުތަކުގެ ތެރޭގައި ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފެންވަރު ހުރުން ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުމާއި، އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި، ސިފައިންގެ ވަޒީފާ އަދާކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައި ވުމާއި، ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމާއި، އިސްކޮޅު (ފިރިހެން: 5 ފޫޓް 5 އިންޗި، އަންހެން: 5 ފޫޓް 3 އިންޗި) އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ކަމުގައި ނުވުން ހިމެނެއެވެ.
ސިފައިންގެ ވަޒީފާ އަށް އެދޭ ފޯމާއި ކުށުގެ ރެކޯޑުފޯމް ރަސްމީގަޑީގައި ޑިފެންސް މިނިސްޓްރީގެ ކައުންޓަރުން ލިބޭނެއެވެ. އަދި އެމް.އެން.ޑީ.އެފްގެ ވެބްސައިޓުން މިފޯމްތައް ޑައުންލޯޑްވެސް ކުރެވޭނެއެވެ.
ވަޒީފާ އަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިދަންނަވާ ތިރީގައި ބަޔާންކޮށްފައިވާ އޭރިޔާތަކުން، ލިބޭނެއެވެ.
ނޮދަން އޭރިޔާއިން
އެމް.އެން.ޑީ.އެފް ހދ. ކުޅުދުއްފުށި ޕޯސްޓް
ޅ. ނައިފަރު ފަޔަރ ސްޓޭޝަން
ށ. ފުނަދޫ ކައުންސިލްގެ އިދާރާ
ސެންޓްރަލް އޭރިޔާއިން
ސެންޓްރަލް އޭރިޔާ ހެޑްކްއޯޓަރޒް (ލ. ކައްދޫ)
އެމް.އެން.ޑީ.އެފް ދ. ކުޑަހުވަދޫ ޕޯސްޓް
ތ. އަތޮޅު ކައުންސިލްގެ އިދާރާ
ފ. އަތޮޅު ކައުންސިލްގެ އިދާރާ
އެމް.އެން.ޑީ.އެފް މުލީ ޕޯސްޓް (މ. މުލި)
މާލެ އޭރިޔާއިން
މިނިސްޓްރީ އޮފް ޑިފެންސް
ސަދަން އޭރިޔާއިން
އެމް.އެން.ޑީ.އެފް ޏ. ފުވައްމުލަކު ޕޯސްޓް
ސ. ހިތަދޫ ފަޔަރ ސްޓޭޝަން
ގދ. ތިނަދޫ ފަޔަރ ސްޓޭޝަން