ކޮވިޑް-19 ގައި މަރުވާ އެހެން ގައުމުތަކުގެ މީހުން ރާއްޖެ ގެނެސް ވަޅުލާން ތާއީދު ނުކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިހެން ވިދާޅުވެފައިމިވަނީ ސްރީލަންކާގައި ކޮވިޑު ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުމުގެ އިންތިޒާމު ހަމަޖެއްސުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ފައްޓަވާފައިވާ ދަނޑިވަޅެއްގައެވެ.
އެކަމާ ގުޅިގެން މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެހެން ގައުމުތަކުގެ މީހުން ރާއްޖެ އަންނަން ތާއީދުކުރާ ކަމަށާއި ނަމަވެސް އެހެން ގައުމުތަކުގައި ކޮވިޑް ޖެހިގެން މަރުވާ މީހުން ރާއްޖެ ގެނެސް ވަޅުލުމަކީ ތާއީދު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
We warmly welcome all foreign visitors irrespective of their nationality and faith and wish them a happy and peaceful stay here. But bringing the bodies of foreign Covid-19 victims to be buried in Maldives is something that I cannot support. @presidencymv
— Maumoon Abdul Gayoom (@maumoonagayoom) December 14, 2020
ކޮވިޑްގައި ލަންކާ އިން މަރުވި 19 މުސްލިމުންގެ ހަށިގަނޑު އަންދާލަން އެގައުމުގެ ސަރުކާރުން ނިންމާފައިވާއިރު އެއީ އިސްލާމްދީނާއި ހިލާފު ކަމަކަށްވާތީ ލަންކާގެ މުސްލިމުން އަންނަނީ އެކަމާ ދެކޮޅު ހަދަމުންނެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ކޮވިޑް ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
އަދި ރާއްޖޭގައި ސްރީލަންކާގެ މިފަދަ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ރައީސް ސާލިހަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
އެގޮތުން އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަޤްޞަދުގައި، އަދި ރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިޢާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ޚާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާ ކުރައްވަމުންދާ ކަމަށް މިނިސްޓްރީން ބުނެއެވެ.