Last Updated: June 16, 17:17
Monday, June 16, 2025
ޚަބަރު

މުސްލިމުންގެ ހަށިތައް އެންދިޔަ ދީގެން ނުވާނެ: ޝަހީމު

މުސްލިމުންގެ ހަށިތައް އެންދިޔަ ދީގެން ނުވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވެފައިމިވަނީ ސްރީލަންކާގައި ކޮވިޑު ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުމުގެ އިންތިޒާމު ހަމަޖެއްސުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ފައްޓަވާފައިވާ ދަނޑިވަޅެއްގައެވެ.

ނަމަވެސް އެކަން އެގޮތަށް ކުރަން ދެކޮޅުކަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ހާމަކުރައްވާފައިވާއިރު، ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ އަށް ފެންނަ ގޮތުގައި ކޮވިޑް ޖެހިގެން މަރުވާ ލަންކާގެ މުސްލިމުން، އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެ މަތިން އެޤައުމުގައި ވަޅުލުމުގެ ފުރުޞަތު އެ ޤައުމުގެ ސަރުކާރުން މުސްލިމުންނަށް ދޭންވާނެ ކަމަށާއި އެއީ އިންސާނީ، އަދި ޢަޤީދާއާ ގުޅުންހުރި ދީނީ ޙައްޤެއް ކަމަށެވެ.

އަދި މުސްލިމުންނާއި އެހެނިހެންވެ ސް އިންސާނުންގެ އަސާސީ ޙައްޤުތައް ހޯދައިދޭން އެޤައުމެއްގެ ޤާބިލުކަންހުރި މިންވަރުން ކޮންމެ ޤައުމަކުން ވެސް ވަކާލާތު ކުރަންވާނެ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

"އެއްވެސް ގޮތަކުން ޙައްޤު ހޯދައިދޭން ދަތިވެއްޖެ ނަމަ، މުސްލިމުންގެ ހަށިތައް އެނދިޔަ ނުދީ، އެއުރެންނަށް އެހީވުމަކީ އެންމެ ގާތުގައި އޮތް މުސްލިމު ޤައުމަކުން ކުރެވިދާނެކަމެއްކަމަށް ދެކެން. މުސްލިމުންގެ ހަށިތައް އެންދިޔަ ދީގެން ނުވާނެ" ޝަހީމް ވިދާޅުވިއެވެ.

ކޮވިޑްގައި ލަންކާ އިން މަރުވި 19 މުސްލިމުންގެ ހަށިގަނޑު އަންދާލަން އެގައުމުގެ ސަރުކާރުން ނިންމާފައިވާއިރު އެއީ އިސްލާމްދީނާއި ހިލާފު ކަމަކަށްވާތީ ލަންކާގެ މުސްލިމުން އަންނަނީ އެކަމާ ދެކޮޅު ހަދަމުންނެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ކޮވިޑް ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އަދި ރާއްޖޭގައި ސްރީލަންކާގެ މިފަދަ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ރައީސް ސާލިހަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

އެގޮތުން އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަޤްޞަދުގައި، އަދި ރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިޢާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ޚާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާ ކުރައްވަމުންދާ ކަމަށް މިނިސްޓްރީން ބުނެއެވެ.