Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

މައުމޫން އެދިލައްވަނީ ހަށިތައް އަންދާނުލަން ލަންކާ ސަރުކާރުގައި ދަންނަވަން

ކޮވިޑް-19 ގައި ސްރީލަންކާ އިން މަރުވާ މުސްލިމުންގެ ހަށިތައް އަންދާނުލަން އެގައުމުގެ ސަރުކާރުގައި ދެންނެވުން މާ ރަނގަޅުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިހެން ވިދާޅުވެފައިމިވަނީ ސްރީލަންކާގައި ކޮވިޑު ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުމުގެ އިންތިޒާމު ހަމަޖެއްސުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ފައްޓަވާފައިވާ ދަނޑިވަޅެއްގައެވެ.

ނަމަވެސް މިކަން މިގޮތަށް ކުރަން ދެކޮޅުކަން މައުމޫން ރޭ ހާމަކުރައްވާފައިވާއިރު، އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ "ސްރީލަންކާގައި ކޯވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލައިދިނުމުގެ ބަދަލުގައި އިސްލާމީ އުޚުއްވަތްތެރިކަމުގެ ރޫޙުގައި އެމީހުންގެ ހަށިތައް އަންދާނުލުމަށް ލަންކާ ސަރުކާރުގައި ދެންނެވުން މާ ރަނގަޅުވާނެ ނޫންތޯ" ވިދާޅުވެފައެވެ.

މިކަން މިގޮތަށް ކުރަން މައުމޫން ދެކޮޅު ހެއްދެވި ނަމަވެސް ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ގެންދަވަނީ އެކަމަށް ތާއީދު ކުރައްވަމުންނެވެ.

ކޮވިޑްގައި ލަންކާ އިން މަރުވި 19 މުސްލިމުންގެ ހަށިގަނޑު އަންދާލަން އެގައުމުގެ ސަރުކާރުން ނިންމާފައިވާއިރު އެއީ އިސްލާމްދީނާއި ހިލާފު ކަމަކަށްވާތީ ލަންކާގެ މުސްލިމުން އަންނަނީ އެކަމާ ދެކޮޅު ހަދަމުންނެވެ.

ފޮރިން މިނިސްޓްރީން އިއްޔެ ބުނީ ކޮވިޑް ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އަދި ރާއްޖޭގައި ސްރީލަންކާގެ މިފަދަ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ރައީސް ސާލިހަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

އެގޮތުން އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަޤްޞަދުގައި، އަދި ރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިޢާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ޚާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާ ކުރައްވަމުންދާ ކަމަށް މިނިސްޓްރީން ބުނެއެވެ.