Last Updated: June 16, 18:01
Monday, June 16, 2025
ޚަބަރު

ޕީޖީ އަކީ ސަރުކާރުގެ ކުށް ފޮރުވަން އެހީވާ އިދާރާ: ޖަމީލު

ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް ފެންނަނީ ސަރުކާރުގެ ކުށްތައް ފޮރުވަން އެހީވާ އިދާރާއެއް ގޮތަށް ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ތުހުމަތުކުރައްވައިފި އެވެ.

ޖަމީލު މިހެން ވިދާޅުވެފައިވަނީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކުގެ ޕާސްޕޯޓް ހިފަހެއްޓި މައްސަލައާ ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ. ނިހާންގެ ޕާސްޕޯޓު ހިފެހެއްޓީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅުންހުރި މައްސަލައަކާ ގުޅިގެންނެވެ.

އެގޮތުން ޖަމީލު ކުރެއްވި ޓްވީޓެއްގައި ވަނީ ސަރުކާރަށް 2 އަހަރުވީއިރު، އެމްއެމްޕީއާރުސީ ފައިސާ ހޯދަން ކުރީ ކޮންކަމެއްތޯ އާއި އެސްއޯއެފް މެދުވެރިކޮށް ޖަރީމާ ހިންގި 2 މީހުން ގޭގައި ތިބީ ފައިސާ ހަވާލުކޮށްފައިތޯ ސުވާލުކުރައްވާފައެވެ.

"ދަޢުވާކުރާގޮތުން ފެންނަނީ ވަކި ބަޔަކަށް ޢަމާޒްކުރާތަން. ޕީޖީ ފެންނަނީ ސަރުކާރުގެ ކުށް ފޮރުވަން އެހީވާ އިދާރާއެއް ގޮތަށް" ޖަމީލު ވިދާޅުވިއެވެ.

ނިހާންގެ ޕާސްޕޯޓު ހިފެހެއްޓިއިރު އެމްއެމްޕީއާރްސީ ހިޔާނާތާއި ގުޅިގެން މިދިޔަ އޮކްޓޫބަރު މަހު އޭނާ ވަނީ އެސެޓް ރިކަވަރީ ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ބޮޑު ހިޔާނާތާއި ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނުން ނިހާން އާއި ސުވާލުކޮށްފައިވާއިރު ދާދިފަހުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގައި ވާހަކަދައްކަވަމުން އެ ކޮމިޝަނުގެ ރައީސް އަހުމަދު އައްސަދު ވިދާޅުވީ އެމްއެމްޕީއާރްސީ ހިޔާނާތާއި ގުޅޭ ބޮޑެތި މައްސަލަތަކެއް ކޯޓަށް ފޮނުވަން ތައްޔާރުވެފައިވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގައި މިވަގުތު ހުންނެވި ނިހާން ވަނީ މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތިނަދޫ ދެކުނު ދާއިރާ އަށް ކުރިމަތިލައްވާފައެވެ. ނަމަވެސް އެ އިންތިހާބުން ބޮޑު ތަފާތަކުން ނިހާން އަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފައެވެ.