އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ޖުމްލަ 114 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފިއެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް 114 ކެންޑިޑޭޓަކު ނަން ނަގާފައިވާ ކަމަށާއި ނަން ނެގި ކެންޑިޑޭޓުންގެ ތެރޭގައި އެންމެ ގިނައީ އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށެވެ.
"އޭގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިހާބުގެ 74 ފަރާތަކުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 40 ފަރާތަކުން އެބަވޭ ނަން ނަގާފައި" ޝަރީފް ވިދާޅުވިއެވެ.
ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް ނަން ނެގީ އެމްޑީޕީގެ 26 ކެންޑިޑޭޓަކާއި ޕީޕިއެމްގެ 13 ކެންޑިޑޭޓަކާއި ޖޭޕިގެ ހަތް ކެންޑިޑޭޓަކާއި އެމްޑީއޭގެ ކެންޑިޑޭޓެއްގެ އިތުރުން އަމިއްލަ ގޮތުން ކުރިމަތިލާފައި ތިބި 29 ކެންޑިޑޭޓުން ކަމަށް ޝަރީފް ވިދާޅުވިއެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ނަން ނެގީ އެމްޑީޕީގެ 25 ކެންޑިޑޭޓަކާއި ޕީޕީއެމްގެ ތިން ކެންޑިޑޭޓެއްގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރަ 12 ކެންޑިޑޭޓެކެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020ގެ ތިންވަނަ މާއްދާގެ (ށ) ދަށުން، ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ. ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަސް ކުރިން މުއްދަތު ހަމަވާ ތާރީޚު އިއުލާން ކުރާނެ ކަމަށް އީސީން ބުނެއެވެ.
ނަން އަނބުރާ ގެންދިއުމަށް ބޭނުންވާނަމަ އެކަމަށް އެދި ހުށަހަޅާނީ "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމަށް އެދޭ ފޯމު" އިން ކަމަށް އީސީން ބުނެއެވެ.