ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި 75 ވެންޓިލޭޓަރުގެ ތެރެއިން އިތުރު ފަސް ވެންޓިލޭޓަރު ރާއްޖެ ގެނެސްފި އެވެ.
އެ ވެންޓިލޭޓަރުތަކަކީ ހެލްތު މިނިސްޓްރީން ގެންނަން އެދުނު ވައްތަރުގެ ވެންޓިލޭޓަރުތައްތޯ ބަލާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މިދިޔަ މެއި މަހުގެ ތެރޭގައި ރާއްޖެއަށް 75 ވެންޓިލޭޓަރު ގެންނަން ދުބާއީ ކުންފުންޏާ ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށެވެ. އަދި ސަރުކާރުން ވަނީ އެޑްވާންސަށް 30.9 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދައްކާފައެވެ.
އެ ކުންފުނިން އެންމެ ފުރަތަމަ ރާއްޖެ ފޮނުވާފައިވަނީ 11 ވެންޓިލޭޓަރެވެ. ނަމަވެސް ފޮނުވި ވެންޓިލޭޓަރުތަކަކީ ފެންވަރު ދަށް، ހެލްތު މިނިސްޓްރީން ކަނޑައެޅި ޝަރުތުތަކަށް ނުފެތޭ ވެންޓިލޭޓަރުތަކެކެވެ. އެއާއެކު އިތުރު އެ ވެންޓިލޭޓަރުތަކުގެ ބަދަލުގައި އިތުރު 10 ވެންޓިލޭޓަރު އެ ކުންފުނިން ފޮނުވިއިރު ސަރުކާރުން ވަނީ ފަހުން ފޮނުވި ތަކެތި ރަނގަޅު ކަމަށް ބުނެފައެވެ.
ވެންޓިލޭޓަރުތައް ގަތުމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓުގައި ބުނެފައިވާއިރު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ހެލްތު މިނިސްޓްރީގެ ބިޑު ކޮމިޓީގެ މެމްބަރުންގެ މައްޗަށް ދައުވާކުރަން ފޮނުވުމުގެ މަސައްކަތް އޭސީސީން އަންނަނީ ކުރަމުންނެވެ.